މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނަށް، އިދިކޮޅު ފަރާތްތަކުން ޖަވާބުދިނުން އަންނަ ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނަށް، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، މަޖިލިސް ގަވާއިދުގެ 32 ވަނަ މާއްދާގެ (ށ)ގެ ދަށުން ޖަވާބު ދިނުން، ބުރާސްފަތި ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރައްވާނެ ކަމަށެވެ. އަދި އެ ދެއްވާ ޖަވާބު، މަޖިލިސް ގަވާއިދުގެ 32 ވަނަ މާއްދާގެ (ރ)ގެ ދުން ވަގުތުން ދުރަށް ފޮނުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ އެމްޑީޕީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން މަޖިލީހުގައި ތިއްބަވަނީ އިދިކޮޅު ޕީޕީއެމްގެ ފަރާތުންނެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރެއްގެ ގޮތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ، ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާއިރު، މަޑުމަތިރިކަމާއެކު ހަނު ތިއްބެވުމަށް އެމްޑީޕީ މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެގޮތަށް ޖަވާބު ދެއްވުމުގެ ގޮތުން މައިނޯރިޓީ ލީޑަރު ވާހަކަ ދައްކަވާއިރު، މެންބަރުން ވަގުތުން ސުވާލު ކުރުމަކީ މަޖިލީހުގެ ގަވާއިދުގައި އޮންނަ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
"ވަރަށް ބޮޑަށް ބައެއް އިއްޒަތްރެރި މެންބަރުންނަށް އާދޭހާއެކު އެދެން ކެތްތެރިކަމާއި ހިފެހެއްޓުންތެރިކަމާއެކީ މަޖިލީހުގެ ޖަލްސާގައި ތިއްބައި ދެއްވުމަށް" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު