މާލެ އަތޮޅު އުތުރު ތިލަފަޅުގައި އެމްއެންޑީއެފުގެ ކޯސްޓްގާޑުގެ ބަނދަރަކާއި ސާވިސް ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުން ހާމަކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅުއްވައި އެވާހަކަ ދައްކަވަން ފެއްޓެވީ ޗައިނާއިން ފައިސާގެ އެހީތެރިކަމެއް ލިބިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އަލީ އާޒިމް މިހެން ވިދާޅުވީ، މާލެ އަތޮޅު އުތުރު ތިލަފަޅުގައި އެމްއެންޑީއެފުގެ ކޯސްޓްގާޑުގެ ބަނދަރަކާއި، ސާވިސް ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރާއެކު އެއްބަސް ވެފައި ވަނީ އެތަނުގައި، އިންޑިއާ ސިފައިން ތިބޭ ގޮތަށް ކަމަށް ބުނެ، އެ ކަމާބެހޭ އެއްބަސްވުން ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމެވެ.

އެ މައްސަލައަށް ބަހުސް ކުރުމަށް ފާސްކުރުމާ ގުޅިގެން ވާހަކަ ދައްކަމުން އަލީ އާޒިމް ވިދާޅުވީ، އެ މައްސަލައަކީ، މަޖިލީހުގައި ތާވަލްކޮށްގެން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެ އެއްބަސްވުން ހާމަ ނުކުރެވޭނެކަމަށް، ރައްޔިތުންގެ މަޖިލީހުގެ ޓޫފޯވަން ކޮމިޓީންނާއި ހައިކޯޓުން ނިންމާފައިވާ ކަމަށް ވެސް އަލީ އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމް މިހެން ވިދާޅުވިއިރު ރާއްޖޭގައި އިިންޑިއާސިފައިން ތިބި އަދަދާބެހޭ މައުލޫމާތު ހާމަކުރަން ނުޖެހޭކަމަށް ކަނޑައަޅާފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާއެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވީނަމަވެސް ހައިކޯޓުން އަދި އެކަމަށް ގޮތެއް ނިންމާފައެއް ނުވެއެވެ.

އަލީ އާޒިމް އިތުރަށް ވިދާޅުވީ، ޝިޔާމު އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، ރައްޔިތުންނާއި، ސަރުކާރާ ދޭތެރޭ ނަފްރަތު އުފެއްދުމަށް ކަމަށެވެ. އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގެންނެވި ހިސާބުން އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކޮށްފައި ނުވުމަކީ، އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން އެ ފަރާތްތަކުންވެސް ތާއީދު ކުރާކަން އެނގިގެންދާކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އުތުރު ތިލަފަޅު ތަރައްގީކުރަން ޖެހެނީ، އިންޑިއާ ކަނޑުގެ ނުރައްކަލުން ސަލާމަތްވުމަށް ކަމަށާއި، ކަރުކަށި މީހުންގެ ނުރައްކަލާއި، ކަނޑު ފޭރުމާއި، މީހުން ޓްރެފިކު ކުރުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކަމަށްވެސް ވިދާޅުވިއެވެ.