ކުޅިވަރު

މެސީއަށް ރެކޯޑެއް، ބާސާއަށް މާޔޫސީ ނަތީޖާއެއް

މުޙައްމަދު ޝަމްޢޫން

ބާސެލޯނާގެ ޖާޒީގައި ކެޕްޓަން ލިއޮނަލް މެސީ ކުޅުނު 506 ވަނަ މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.

ތާވަލުގެ 14 ވަނައިގައި އޮތް ކާޑިޒްއާ ދެކޮޅަށް ބާސާއިން ކުޅުނު މެޗު 1-1 އިން އެއްވަރު ވެގެން ނިމިގެން ގޮސްފައިވާއިރު، އެ މެޗުގައި ބާސާ ކޮޅަށް ކާޑިޒް ގޯލް ޖެހީ ފަހުވަގުތުގައެވެ. ބާސާއިން މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅެ، ބޮޑު ތަފާތަކުން ބަލިވެފައިވުމާއެކު ރޭގެ މެޗަށް ނުކުތީ އެ ހިތްދަތިކަން ފިލުވައިލުމަށެވެ.

މިހާތަނަށް ބާސާ ޖާޒީގައި އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔަކަށް މެސީ ވެގެން ގޮސްފައިވާއިރު، މެސީގެ ކުރިން އެ ރެކޯޑު އޮތީ ޒަވީ ހެނާންޑޭޒް އަތުގައެވެ. މެޗުގައި ބާސާއިން ފުރަތަމަ ލީޑު ނެގީ ރެކޯޑު ހެދި މެސީގެ ގޯލާއެކުގައެވެ. ޕެޑްރީއަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނެލްޓީ ކާމިޔާބުކޮށް، ބާސާއިން މެޗުގެ ލީޑު ނަގައި ކޮންޓްރޯލް ހޯދާފައިވެއެވެ.

ރޭގެ މެޗަށް ނުކުތްއިރު، އެންމެފަހުން ބާސާއިން ލީގުގައި ކުޅުނު ހަތް މެޗުންވެސް މޮޅުވެފައިވާއިރު، ރޭގެ މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތައް އުފެއްދީ ބާސާއިންނެވެ. ގޯލަށް އަމާޒުކޮށްވެސް ބާސާއިން ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާއިރު، ފްރޭންކް ޑިޔޯންގާއި ޕެޑްރީގެ އިތުރުން އުސްމާނޭ ޑެމްބޭލޭ އަދި އެންޓޮއިން ގްރީޒްމަންގެ ހަމަލާތައްވެސް މަތަކުރީ ކާޑިޒްގެ ގޯލްކީޕަރެވެ.

ކާޑިޒްއިން ބާސާ ގޯލަށް އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާއާއެކު އެޓީމުން 89 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކުރީ ލިބުނު ޕެނެލްޓީއެއްގައެވެ. ކްލެމެންޓް ލެންގްލެޓް، ސޮބްރީނޯއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނެލްޓީ ކާމިޔާބުކުރީ ފެނާންޑޭޒްއެވެ. ރޭގެ މެޗުން މޮޅުވެ، ބާސާއަށް އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ހަ ޕޮއިންޓަށް ގާތަށް ޖެހުލުމަށް ފުރުސަތު އޮތެވެ. މިވަގުތު އެޓީމު އޮތީ ތިންވަނައިގައެވެ.