މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ މިއަދު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދު ރާއްޖެއަށް ވަނީ 5،100 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިމަހުގެ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ދުވަހެވެ. މީގެ ކުރިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 4،856 ފަތުރުވެރިން އައިސްފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަދުގެ ނިޔަލަށް މިމަހުގެ ތެރޭގައި ރާއްޖެއަށް 72،123 ފަތުރުވެރިން އައިސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މިމަހުގެ ތެރޭގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 3،351 ފަތުރުވެރިން އަންނަ ކަމަށާއި ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި އެވްރެޖުކޮށް ނުވަ ދުވަހު މަޑުކުރާ ކަމަށެވެ. އަދި މިއަހަރު މިހާތަނަށް ރާއްޖެއަށް ޖުމުލަ 164،226 ފަތުރުވެރިން އައިސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބައިނަލްއަގުވާމީ 28 އެއާލައިނަކުން އަންނަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.

ކޮވިޑް 19އާ ގުޅިގެން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވީ ޖުލައި 15 ގައެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 555،494 ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ މިއަހަރުގެ އަމާޒަކީ 1.5 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.