ޚަބަރު

އީސީގެ މެމްބަރު ކަމަށް ޑރ. ޒާހިރު އައްޔަން ކުރައްވައިފި

އިބްރާހިމް ޒަކީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުކަމުގެ މަގާމަށް ގ. މާލެހިޔާ 1، 03-18، ޑރ. މުހައްމަދު ޒާހިރު މިއަދު އައްޔަން ކުރައްވައިފިއެވެ.

ޑރ. ޒާހިރު އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރު ކުރީގައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާއަށް އީސީގެ މެމްބަރުކަމުގެ ހުވައި ލައިދެއްވާ ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފު ހިލްމީ އެވެ.

ޑރ. ޒާހިރަކީ ބެންކޮކުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޝަން (އެންއައިޑީއޭ) އިން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލު ކުރައްވާފައިވަނީ މެލޭޝިއާގެ އޯޕަން ޔުނިވާސިޓީންނެވެ.

ޑރ. ޒާހިރަކީ މީގެ ކުރިން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރެއްގެ މަގާމާއި އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރެއްގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.