އެމެރިކާއިން އީރާނަށް ހަމަލާ ދިނުމާ ގުޅިގެން ގަލު ސަރަހައްދުގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން، ދައުލަތަށް ލިބެންޖެހޭ ބިލިޔަނެއްހާ ޑޮލަރު ގެއްލޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ޕީއެންސީގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ، ސަރުކާރާ ދެކޮޅު ޝުއޫރު ފާޅުކުރާ މީހުން ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުގެ ވަޒީފާއިން ވަކިކުރަމުންދާ މައްސަލައިގައި އިދިކޮޅު އެމްޑީޕީގެ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފު ޒާކިރު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ސަލީމް ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރު ތަކުންވެސް ކުންފުނިތަަކަށް ބޭނުންނުވާ ވަރަށްވުރެ އިތުރަށް ވަޒީފާތައް ދެމުންދިޔަ ކަމަށެވެ.
"އެހެންނަަމަވެސް އެ ކުންފުނިތައް ނުހިންގޭ ހިސާބަށް ދިއުމުންގެ ނަތީޖާއަކަށްވީ ކުންފުނިތަކުން ކޮންމެސް ވަރަކަށް މީހުން މަދުކުރަން ޖެހުން، އެއީ އަޅަންޖެހޭ ފިޔަވަޅެއް، އަދި ހާއްސަ ގޮތެއްގައި އަޅުގަނޑުމެނަށް ދިމާވި ހީނުކުރާ ކަހަަލަ މައްސަލައެއް، ގަލްފު ހަނގުރާމައިގެ މައްސަލައަކީ ހަނގުރާމަ މިދަނީ ދިގު ދެމިގެން އަދިވެސް މި ހަނގުރާމަ ހުއްޓޭނެ ދުވަހެއް އެއްގޮތަކަށްވެސް ނޭނގެ،" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އެކަމުގެ ނަތީޖާއަކީ، ތެލުގެ އަގުބޮޑުވި ބަޔާއި ޓޫރިޒަމްގެ ދާއިރާއިންނާއި އެހެނިހެން ވަސީލަތްތަކުގެ ސަރުކާރަށް އަންނަން އޮތް ބަޔާއެކު، ގާތް ގަނޑަކަށް އެއް ބިލިޔަން ޑޮލަރު ދައުލަތަށް ގެއްލިގެންދާނެ ކަމަށެވެ.
"އެހެންވީމަ ދައުލަތެއް ނަގަހައްޓާ ދެމެހެއްޓުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އެވަގުތަކު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ލާޒިމު ކުރޭ، އެކަންތައް އެހެން ކުރިއަށް ގެންދަން ޖެހޭނެ އެއީ މުޅި ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި، މުޅި ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުކަމެއް، މީހެއްގެ ވަޒީފާ ގެއްލުމަށްވުރެ މުޅި ގައުމަށް އަންނަ ނުރައްކާ، މުޅި ގައުމު ހަލާކުވެއްޖެއްޔާ މުޅި ގައުމުގެ ހުރިހާ ރައްޔިތުންނަށް އޭގެ އަސަތު ކުރާނެ،" ސަލީމް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
މަޖިލިސް ނައިބު ރައީސް އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)
ކޮމެންޓް