ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މިނިވަން ދުވަހުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށެވެ.

"މި ޖަލްސާގައި، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު އެރުވޭ ބޭފުޅުންނަކީ، ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް އިނާމު އެރުވިފައި ނުވާ ބޭފުޅުންނަށް މި އިނާމު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެ ބޭފުޅުންގެ ރެކޯޑުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދެވުމަށްފަހު، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެ މައުލޫމާތު، ކޮމިޓީން ދިރާސާ ކުރައްވައި، އެ ބޭފުޅުންނާ ކޮމިޓީން ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ތެރެއިން އިނާމަށް ޝަރުތު ފުރިހަމަވި ބޭފުޅުންނެވެ،" ރައީސް އޮފީހުން ބުންޏެވެ،

ރައީސް އޮފީހުން ބުނީ މިހާތަނަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ނަންފުޅުތައް ގައުމީ އިނާމާ ބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވުމާ ގުޅިގެން އެ ބޭފުޅުންނަށް މި އިނާމު އަރުވާފައިވާ ކަމަށެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މިއަހަރު އާންމުކޮށް ހުޅުވާލައި މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ހަމަވި އިރު، 130 ފޯމު ހުށަހަޅައިފައިވެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ މި ފަހަރު އޮންނާނީ، މިނިވަން ދުވަހުގެ ހެނދުނު 09:00 ގައި، ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ.

އެ ޖަލްސާގައި ރައީސް ދިވެހި ގައުމާ މުހާތަބު ކުރައްވާނެއެވެ.