އައްޑޫ ސިޓީގެ ފެނާއި ނަރުދަމާ އަދި މަގުތައް ހެދުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އިންޑިއާގެ އެގްޒިމް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫ ސިޓީގައި ފެން ހިންދުމުގެ ނިޒާމަކާއި މަގުތައް ހެދުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާ އެވެ. މަޝްރޫއުގެ އަގަގީ 1.1 ބިލިއަން ދިވަހި ރުފިޔާ އެވެ.
ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ އެ މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. މަސައްކަތް ހަވާލުކުރި އެފްކޯންސް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު އޮފް އޮޕަރޭޝަންސް ރަވީ ޕްރަކާޝް އެވެ.
އެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ފޭދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި (ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހުޅުދޫ އަދި މީދޫ)ގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ނިޒާމުގެ ޖުމްލަ ދިގުމިނުގައި 103 ކިލޯމީޓަރު ހުންނާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން އައްޑޫ ސިޓީގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ޖުމްލަ 40 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އެ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރު މަގުތަކުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް (ސީއެސްބީ) ލޭޔަރު އަޅާނެ އެވެ. އޭގެ ބޭނުމަކީ ފެން ހިންދާ ނިޒާމުގެ ތެރެއަށް ވެލި އެޅި ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިކުރުމެވެ.
އައްޑޫ ސިޓީގައި މިހާރު ތާރު އަޅާފައިވާ މަގުތަކުގެެ ތެރެއިން 3.4 ކިލޯމީޓަރު މަގުގެ ރީސާފޭސިންގެ މަސައްކަތް ވެސް މި އެއްބަސްވުމުގެ ދަށުން ކުރާނެ އެވެ. އަދި މަގުތަކުގައި މަގުބައްތި ޖެހުމާއި ސީސީޓީވީ ކެމެރާ އަދި އެހެނިހެން ޓްރެފިކް ރައްކާތެރިކުރުމުގެ ފިޔަވަޅުތައް ވެސް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އައްޑޫ ސިޓީ ހަންކެޑެ ހިމެނޭ ސަރަހައްދުގައި މިހާރު ބޭނުން ކުރަމުން އަންނަ ލިންކް ރޯޑުގެ ހުޅަނގުން ހަންކެނޑެއަށް ނާރާ ގޮތަށް ހިތަދޫ ގައުކެޑި އާއި މަރަދޫއާ ގުޅާލުމަށްޓަކައި 1.463 ކިލޯމީޓަރުގެ އާ ހަތަރު ލޭންގެ ޑީޓުއާ ލިންކު ރޯޑެއް މި މަޝްރޫއުގެ ދަށުން ގާއިމު ކުރާނެ އެވެ،
ޚަބަރު
ޚަބަރު
ޚަބަރު