ޖަނަވަރީ 20، 2016 ގައި މާފަންނު ފާމުދޭރި މަގުގައި ހުރި ފަރިވާ ފިހާރާގައި އަލިފާން ރޯވުމުގައި ސްޓެލްކޯގެ އިހުމާލެއް އޮތް ކަމަށް ކަނޑައަޅައި، ބަދަލުގެ ގޮތުގައި 33 މިލިއަން ފުރިޔާ ހޯދަން ފަރިވާ ފިހާރައިގެ ވެރިޔާ، މަހުމާ ހުސެއިން ރަޝީދު ދައުވާ ކުރާ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، އެ ހާދިސާގައި ފަރިވާ ފިހާރައަށް ލިބުނު ގެއްލުމަށް ސްޓެލްކޯ އިން ޒިންމާ ކުރެވެން ނެތް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލުކުރެވެން ނެތް ކަމަށް ހައިކޯޓުން ހުކުމް ކުރުމުންނެވެ.
މި މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅަމުން ހުސެއިން ރަޝީދުގެ ބަދަލުގައި ޝަރީއަތުގެ އަޑު އެހުމުގައި ބައިވެރިވި އަހުމަދު ޝިފާއު ބުނީ، އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމް ބާތިލު ކުރެވެން ނެތް ކަމަށް ހައިކޯޓުން ނިންމީ، އެ މައްސަލަ ސާބިތު ކުރުމަށް 11 ޝަފަވީ ހެކިން ދަަށު ކޯޓަށް ހުށަހެޅުމުން، އޭގެ ތެރެއިން ތިން ހެކިން ފިޔަވައި އެެހެން ހެކިންގެ ހެކިބަސް ނަގާފައިނުވާ ކަމަށް އެފަރާތުން ހުށަހެޅި ހުށަހެޅުމަށް ބެލުމެއް ނެތި ކަމަށެވެ.
އަދި އެ މައްސަލައާ ގުޅޭ ބައެއް ފޮޓޯތަކާއި ވީޑިއޯތަކަށް ހައިކޯޓުން ރިއާޔަތް ކޮށްފައި ނުވާ ކަމަށް ވެސް އޭނީ ބުންޏެވެ.
މި މައްސަލައަށް ޖަވާބު ދެއްވަމުން ސްޓެލްކޯގެ ގާނޫނީ ވަކީލު އިސްމާއިލް އަހުމަދު ވިދާޅުވީ، ދައުވާ ކުރާ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަކީ ދަށު ކޯޓަށާއި ހައިކޯޓަށް ހުށަހަޅާފައިވާ ތަކެތި ނޫން ކަމަށެވެ.
ޝަރީއަތަށް ހެކި ހުށަހެޅުމާގުޅޭ ގޮތުން، ސުޕްރީމް ކޯޓުގެ ގަވާއިދުގައި އުސޫލެއް ކަނޑައަޅާފައިވާ ކަމަށާއި ސުޕްރީމް ކޯޓަށް ހުށަހަޅާ އިސްތިއުނާފީ މައްސަލަތަކުގައި ހުށަހެޅޭނީ ހައިކޯޓަށް ހުށަހަޅާ ލިޔުންތައް ކަމަށާއި އޭގެ އިތުރުން އެއްޗެއް ހުށަހެޅޭނީ ފަނޑިޔާރުންގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް އެ އުސޫލުގެ 61 ވަނަ މާއްދާގެ (ށ) ބުނެފައިވާއިރު، ދައުވާ ކުރާ ފަރާތުން ހެކީގެ ގޮތުގައި ހުށހަޅާފައިވާ ތަކެއްޗަކީ އެ އުސޫލާ ހިލާފަށް ހުށަހަޅާފައިވާ ތަކެތި ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު