ވެކްސިން ޖެހުމުގައި ތަފާތުކުރުން ގެންގުޅޭކަމަށް ތުހުމަތުކުރުމުން އާޖެންޓީނާގެ ހެލްތު މިނިސްޓަރު އިސްތިއުފާދެއްވައިފިއެވެ.
އާޖެންޓީނާގެ ހެލްތު މިނިސްޓަރު، ގީނެސް ގޮންޒަލެޒް ގާސިއާ އިސްތިއުފާ ދެއްވަމުން ޓުވިޓާ މެދުވެރިކުރައްވައި ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވީ، އެގައުމުގައި ކުރިޔަށްދާ ވެކްސިން ޕްރޮގްރާމްގައި ވެކްސިން ޖެހުމަށް ހަދާފައިވާ ކިޔުއެއްގައި ބަޔަކު ތިއްބައި ވަކިބަޔަކު ގެންގޮސްގެން ވެކްސިން ޖަހާފައިވާކަމަށް ތުހުމަތުކޮށް ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ގާސިއާ ވަނީ އެއްވެސް ބަޔަކަށް ތަފާތު ކޮށްފައި ނުވާނެކަމަށް ވިދާޅުވެފައެވެ.
ތުހުމަތުތަކަށް އިންކާރު ކުރެއްވިނަމަވެސް އަދި އެއީ ހަގީގަތެއް ނޫން ނަމަވެސް މަގާމުގައި އިތުރަށް ހުންނެވުމަށް ފެނިވަޑައިނުގަންނަވާތީ އިސްތިއުފާ ދެއްވަން ނިންމެވީކަމަށްވެސް ގާސިއާ ގެ ބަޔާނުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
އާޖެންޓީނާގައި ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް ކުރިޔަށް ދާއިރު އެގައުމުގެ ބައެއް ނުފޫޒު ގަދަ ފަރާތްތަކުން ވެކްސިން ޖެހުމަށް މަގާމުގެ ނުފޫޒުގެ އިތުރުން ސަރުކާރުގެ އިސްފަރާތްތަކުގެ އެހީގައި ކިޔޫގައި ނުޖެހި ވަގުތުން ވެކްސިން ޖަހަމުންދާކަމަށް ތުހުމަތު ކޮށްފައިވެއެވެ.