ޚަބަރު

ވަކިވަކި ނޫސްވެރީންނަށް އަމާޒުކޮށް ފުލުހުން ހުރަސް އަޅަމުންދާތީ އެމްޖޭއޭ އިން އެކަން ކުށްވެރިކޮށްފި

އަލީ އަފާފު ރަމީޒު

ވަކި މީޑިއާއަކަށް ނިސްބަތްވާ ނޫސްވެރިންނާއި މުވައްޒަފުންނަށް އަމާޒުކޮށް ފުލުހުން ބާރުގެ ބޭނުންކޮށް ހުރަސް އެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ބުނެފިއެވެ.

ހުކުރު ދުވަހު ހަވީރު އިދިކޮޅު ޕްރޮގްރެސިން ކޯލިޝަންގެ ފަރާތްތަކުން ކުރި މުޒާހަރާއެއް ކަވަރުކުރަމުގައި ހަރަކާތްތެރިވި ޗެނަލް 13ގެ ކެމެރާމަން، މުހައްމަދު ޝަހީމް މަގުމައްޗަށް ވައްޓާލާފައިވާ ކަމަށް އެ ޗެނަލް 13 އިން ބުނެފައި ވެއެވެ. އަދި އޭނާއަށް ހޮސްޕިޓަލްގައި ވަނީ ފަރުވާވެސް ދީފައެވެ.

އޭގެ އިތުރުން، އެރޭ ޕީޕީއެމް އޮފީސް ކައިރީގައި ހުންނަ ކެފޭއެއްގައި ޗެނަލް-13ގެ ދެ މުވައްޒަފަކު ތިއްބައި އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. ނަމަވެސް އެ ދެމީހުން ފަހުން ވަނީ ދޫކޮށްލާފައެވެ.

އެމްޖޭއޭ އިން ބުނީ އެ ތިން ނޫސްވެރިންވެސް ތިބީ މިޑީއާގެ ފަރާތްތައްކަން އެނގޭނޭ ފަދަ ނޫސްވެރިކަމުގެ ކާޑުވެސް އަޅައިގެން ކަމަށާއި ހައްޔަރު ކުރަން އުޅުމުންވެސް އެއީ މީޑިއާގެ ފަރާތެއްކަން ބުނެފައިވާ ކަމަށެވެ.

"ވަކި މީޑިއާއަކަށް ނިސްބަތްވާ ނޫސްވެރިންނާއި މުވައްޒަފުންނަށް އަމާޒުކޮށް ފުލުހުން ބާރުގެ ބޭނުންކޮށް ހުރަސް އެޅުމަކީ މި ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް. ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކަށް އަމާޒުކޮށް ފުލުހުން ހިންގާ މިފަދަ އަމަލުތައް މި ޖަމިއްޔާއިން ކުށްވެރިކުރަން،" އެމްޖޭއޭ އިން ބުންޏެވެ.

އެމްޖޭއޭ އިން ބުނީ މުޒާހަރާތަކާއި އެއްވުންތައް ކަވަރު ކުރުމުގެ ފުރުސަތު ހުރިހާ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކަށް ހަމަހަމަ ގޮތެއްގައި އޮންނަން ޖެހޭނެ ކަމަށެވެ. އެމްޖޭއޭ އިން ވަނީ މުޒާހަރާތަކާއި އެއްވުންތަކުގެ ހަބަރާއި މައުލޫމާތު އާންމުންނާ ހަމައަށް ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ ނޫސްވެރީންނަށް ރައްކާތެރިކަން ފޯރުކޮށްދީ، މުޒާހަރާ ކަވަރުކުރުމަށް މީޑިއާގެ ފަރާތްތަކަށް ފަހި މާހައުލެއް ތަނަވަސްކޮށްދިނުމަށް ފުލުހުންނަށް ގޮވާލައިފައެވެ.

އެކަމާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނީ ހުކުރު ދުވަހުގެ ރޭ ޗެނަލް 13ގެ ނޫސްވެރިޔަކު ހައްޔަރުކުރި މަންޒަރު ފެންނަ ވީޑިއޯގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި މިކަމާ ގުޅިގެން ބަލަން ޖެހޭ އެންމެހައި ކަންކަން ކަމާ ގުޅޭ ފަރާތްތަކަށް ހުށަހަޅައިގެން ބަލަމުންގެންދާނެ ކަމަށެވެ. އަދި އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ތަފާތު އެކި ހުރަސްތަކާއި ކުރިމަތިވާކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި މިފަދަ އެއްވުންތަކުގައި ނޫސްވެރިންނާ މެދު ތަފާތު ކުރުން ގެންގުޅުމާއި ނޫސްވެރިންނަށް ތަފާތު އަނިޔާތައް ލިބެމުންދާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް އެމްއެމްސީން ބުންޏެވެ.

މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނާ މެދު ތަފާތު ކުރުމެއް ނެތި، ގާނޫނީ ހަމަތަކުގެ ތެރެއިން، ހަމަހަމަ އުސޫލަކުން ނޫސްވެރިންގެ ވާޖިބު އަދާކުރެވޭނެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކަށް އެމްއެމްސީން ވަނީ ގޮވާލާފައެވެ.