ކުރިއަށް އޮތް ފީފާ ވޯލްޑު ކަޕާއި 2023 އަހަރުގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗުތައް އަނެއްކާ ވެސް ފަސްކޮށްފިއެވެ.

ރާއްޖޭގެ ގައުމީ ޓީމުން އަންނަ މަހު ކުޅެން އޮތް މެޗު ވެސް ހިމެނޭހެން ތިން ވަނަ ފަހަރަށް މެޗުތައް ފަސްކޮށްފައިވަނީ ކޮވިޑް-19ގެ ހާލަތާ ގުޅިގެންނެވެ.

ފުޓުބޯޅައިގެ ހުރިހާ ހަރަކާތެއް މިދިޔަ އަހަރު މެދުތެރޭގައި މެދުކަނޑާލީ ބަލިމަޑުކަމުގެ ހާލަތާ ގުޅިގެންނެވެ. މިދިޔަ އަހަރު މާޗް މަހު 26 ވަނަ ދުވަހާ 31 ވަނަ ދުވަހު ކުޅެން އޮތް މެޗުތައް އޭރު ފަސްކޮށްފައި، ބާއްވަން ތާވަލު ކުރީ މިދިޔަ އޮކްޓޫބަރާއި ނޮވެމްބަރު މަހަށެވެ.

އޭއެފްސީން ފަހުން އެ މެޗުތައް ބާއްވަން ތާވަލުކުރީ އަންނަ މަހު އެވެ. ނަމަވެސް އޭއެފްސީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ އަންނަ މަހު ކުޅެން ހަމަޖެހިފައިވާ މެޗުތަކުގެ ތެރެއިން ހަތަރު މެޗެއް ފިޔަވައި ދެން ހުރި ހުރިހާ މެޗެއް ކުޅޭނީ ޖޫން މަހު ކަމަށެވެ.

އަންނަ މަހު ކުޅޭ ގޮތަށް ޝެޑިއުލް ކޮށްފައިވާ ހަތަރު މެޗަކީ ނޭޕާލުން އެ ގައުމުގައި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ މެޗާއި ސައުދީ އަރަބިއްޔާ އިން ޔަމަނާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ތަޖިކިސްތާނާއި މޮންގޯލިއާ ބައްދަލުކުރާ މެޗު އަދި މޮންގޯލިއާ އާއި ޖަޕާން ކުޅޭ މެޗެވެ.

ރާއްޖޭން އަންނަ މަހު 25 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް އެ ގައުމުގައި ކުޅެން އޮތް މެޗާއި މާލޭގައި އަންނަ މަހު 30 ވަނަ ދުވަހު ސީރިއާއާ ބައްދަލުކުރާ މެޗު ވެސް މިހާރު މިވަނީ ޖޫން މަހު ކުޅެން ފަސްކޮށްފައެވެ.

ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރު ކޮށްގެން މެޗުތައް ކުޅެން ހުރި ދަތިތަކުގެ ސަބަބުން ސެންޓްރަލައިޒްކޮށް އެއް ދަނޑެއްގައި ކޮލިފައިންގެ ބާކީ މެޗުތައް ހޯސްޓް ކުރަން ބޭނުންވާ ގައުމުތަކުން ބިޑް ކުރުމަށް އޭއެފްސީން ވަނީ އިއްޔެ ހުޅުވާލައިފައެވެ.

އޭއެފްސީގެ ވިސްނުމަކީ ސެންޓްރަލައިޒްކޮށް ކުރިއަށްގެންދާނަމަ މެއި 31 އިން ފަށައި ޖޫން 15 ގެ ނިޔަލަށް މެޗުތައް ނިންމައިލުމެވެ.

ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ކޮލިފައިން ގްރޫޕުގެ ހަތަރު ވަނައިގަ އެވެ. ގުރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ.