Close
ޚަބަރު

އައްޑޫ ވިޔަފާރި ބިންތަކުގެ މުއްދަތު އިތުރު ނުކޮށްދިން މައްސަލަ ކޮމިޓީއަަށް

އިބްރާހިމް ޒަކީ

އައްޑޫ ސިޓީން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާ ވިޔަފާރި ބިންތަކުގެ މުއްދަތު އިތުރުކުރަން އެދިފައިވާ މުއްދަތަށް، ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖިއޭ) އިން އެކަން ކޮށްދީފައިނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ބުރާސްފަތި ދުވަހު އޮތް އެ ކޮމިޓީގެ ބައްދަލުވުމަށް އެ މައްސަލަ ހުށަހަޅުއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، 2018 ވަނަ އަހަރުން ފެށިގެން ބިމާ ބެހޭ މަސައްކަތް ކައުންސިލްތަކާ ހަވާލުކުރުމާ ގުޅިގެން އައްޑޫ ކުލީ ބިމުގެ މުއްދަތު އިތުރު ކުރުމަށާއި ކުލި މުރާޖައާ ކުރުމަށް އުސޫލުތަކެއް ހަދައި އެ އުސޫލުގެ ދަށުން އެކަމަށް އެދޭ ފަރާތަތަކަށް މުއްދަތު އިތުރު ކޮށްދެމުން ދިޔަ ކަމަށެވެ.

ނަމަވެސް ކޮވިޑާ ގުޅިގެން ކައުންސިލް އިިންތިހާބު ފަސްކޮށް، ކައުންސިލަރުންގެ ދައުރު ދައްމާލުމަށް ފާސްކުރި ސަންސެޓް ގާނޫނުގެ ދަށުން އެފަދަ ކަންތައްތައް އެލްޖީއޭއާ ހަވާލުކުރުމާ ގުޅިގެން، ހުސްވި 2019 އަހަރުގެ ފަހު ކޮޅާއި 2020 ވަނަ އަހަރު މުއްދަތު އިތުރުކުރަން ހުށަހެޅި ބިންތަކުގެ މުއްދަތު އިތުރުކުރުން ކުރިއަށް ނުދާ ކަމަށް ސޯބެ ވިދާޅުވި އެވެ.

ގިނަ ވިޔަފާރިންނަކީ ލޯނު ނަގައިގެން ވިޔަފާރި އިތުރަށް ތަރައްގީކުރާ ބަޔަކަށް ވެފައި، އަދި 10 އަހަރުގެ އެގްރީމެންޓެން ނެތްނަމަ އެއްވެސް ބޭންކަކުންް ލޯނު ނުދޭތީ، އެ މުއްދަތަށް ބިމުގެ މުއްދަތު އިތުރު ކުރަން ހުށަހަޅާ ފަރާތްތަކަށް އެލްޖީއޭ އިން އެކަން ކޮށްދެމުން ނުދާ ކަމަށް ވެސް ސޯބެ ވިދާޅުވިއެވެ. އަދި އެކަމަށް އެހެން ގޮތެއް ނެތިގެން އައްޑޫ ސިޓީގެ މަޖިލިސް މެންބަރުންނާ މަޝްވަރާކޮށް، އެ މައްސަލައަށް ގޮތެއް ހޯދައި ދިނުމަށް އެދި ކޮމިޓީއަށް ހުށަހެޅުއްވީ ކަމަށް ވެސް ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ، ބިމުގެ މުއްދަތު އިތުރު ކުރުމަށް އެދި އެލްޖީއޭއަށް މިހާރު ވެސް ފޮނުވާފައިވާ މައްސަލަތަކެއްގައި ތިން ގޮތަކަށް އަމަލުކުރަން އަންގާފައިވާ ކަމަށެވެ.

"ތިން މައްސަލައެއް އެބަ އުޅޭ ތިން ގޮތަކަށް ޖަވާބު ދެއްވާފައިވާ. އެކައްޗެއްގައި ފާހަގަކުރައްވާފައި އޮތީ މުއްދަތު ހޯދުމުގެ ކުރިން އޭސީސީގެ ލަފާ ހޯދުން. ހަމަ އެ ކޭސެސްތަަކަށް އެބައިން ވިދާޅުވެފައި އާ ކައުންސިލް އައިމައޭ. ދެވަނަ މައްސަލައިގަ އޮތީ އިއުލާން ކުރަން. ތިންވަނަ އެއްޗެއްގައި އޮތީ އެއް އަހަރު ދުވަހަށް އިތުރުކުރަން، އޭގެ ތެރެއިން ދެ ފަރާތަކީ ލޯނު ނެގުމަށް މުއްދަތު އިތުރުކުރާ ފަރާތް،" ސޯބެ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު ވިދާޅުވީ، މިހާރު މިއޮތް ކައުންސިލްތަކުގެ އިންތިގާލީ މަރުހަލާގައި އެފަދަ ހުއްދަތައް ހޯދަން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން އެ އޮތޯރިޓީން ކަންކަން ނިންމަނީ ބޯޑަށް ހުށަހަޅައި ބޯޑުން ދޭ ލަފާގެ މައްޗަށް ކަމަށެވެ.

ސަންސެޓް ގާނޫނުން އެލްޖީއޭ އަށް އެކަންތައް މަތި ކޮށްފައިވަނީ، މިހާރު ހުރި އިންތިގާލީ ކައުންސިލްތަކުން އެކަންކަން ކުރިއަށް ގެންދިއުމަށް ކޮންޓްރޯލްތަކެއް ލުމުގެ ބޭނުމުގައި ކަމަށާއި އަދި އެއީ އާ ކައުންސިލްތައް އައުމުން އެ ކައުންސިލްތަކުގެ މައްޗަށް އެ ބާރުތައް ނަގުލުވާ ގޮތަށް އޮތް ކަމެއް ކަމަށް ވެސް އަފްޝަން ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މުއްދަތު ހަމަވާ އެގްރީމެންޓުތަަކަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވަނީ، ދެން އަންނަ ކައުންސިލް އިންތިހާބު ވެގެން އެ ކައުންސިލުން އެކަމަށް އިތުރު ގޮތެއް ނިންމުމަށް ފުރުސަތު ދިނުމަށް ކަމަށެވެ. އަދި މުއްދަތު ހަމަވާން ތިން އަހަަރަށްވުރެ ގިނަ ދުވަސް އޮތްނަމަ އެކަމަށް ގޮތެއް ކަނޑައެޅުމަށް ދެން އަންނަ ކައުންސިލަކަށް ދޫކޮށްލަނީ ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް ހުށަހަޅާ ޕްރޮޕޯސަލަކުން، މުއްދަތު އިތުރުނުކޮށްގެން އެ ފަރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެނގޭ ފަރާތްތަކަށް މުއްދަތު އިތުރުކޮށްދޭ ކަމަށް ވެސް އަފްޝަން ވިދާޅުވި އެވެ.

އެކަމާބެހޭ އިތުރު ތަފުސީލު ދެއްވަމުން އެލްޖީއޭގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފު އަހުމަދު ވިދާޅުވީ، އެފަދަ ކަންކަމަށް އިދާރީ ގޮތުން ހުއްދަ ދޭނެ ގޮތްތަކާއި މިންގަނޑު ބޯޑުން ކަނޑައަޅާފައިވާ ކަމަށެވެ. އެކަންކަން ހަމަޖައްސާފައިވަނީ ކަމެއް ކުރާ ގޮތުން ފަހުން ވެސް ކައުންސިލަކަށް ނުވަތަ ކައުންސިލަރަކަށް ދައުވާ ނުކުރެވޭ ގޮތަށް ވިސްނައިގެން ކަމަށް ވެސް ވިދާޅުވިއެވެ.

ސަންސެޓް ގާނޫނު ހެދުމުގައި މަޖިލީހުން ގެންގުޅުނު ވިސްނުމާ އެއްގޮތަށް، އެލްޖީއޭގެ ބޯޑުގެ ވެސް މައިގަނޑު އަސާސަކީ، ދެން އިންތިހާބުވާ އާ ކައުންސިލުން، ބިންތައް ދޫކުރަންވާނީ ދިގު މުއްދަތުގެ ލޭންޑް ޔޫސް ޕްލޭނެއްގެ މައްޗަށް ކަމަށް ކަނޑާފައިވާ އަސާސަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފު އިތުރަށް ވިދާޅުވީ، އެލްޖީއޭ އިން ނިންމާ ނިންމުންތަކާ އެއްގޮތަށް ބިމުގެ މުއްދަތު އިތުރުކުރުމަށް ތަންފީޒު ކުރަންޖެހޭ ކަންތައްތަކެއް ވެސް ހުންނަ ކަމަށެވެ. އެގޮތުން ދިރިއުޅުމުގެ ބޭނުމަށް ނޫން ކަންކަމަށް ރަށްރަށުން ބިން ދޫކުރުމުގެ ގަވާއިދެއް އޮންނަ ކަމަށާއި އެ ގަވާއިދުގެ ދަށުން ބިމުގެ މުއްދަތު އިތުރު ކުރެވޭނީ އެކަމާބެހޭ މިނިސްޓްރީގެ ހުއްދަ ލިބިގެން، އިތުރު ކުރަން ހުށަހަޅާފައިވާ މުއްދަތުގެ 50 ޕަސެންޓަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އޭސީސީން ވެސް ލަފާދީފައިވާ ގޮތަށް ރަށްރަށުގެ ކުލީ ބިންތައް، ދޫކުރުމަށް އެންމެ ރަނގަޅު ގޮތަކީ މުއްދަތު ހަމަވުމުން ބިޑު އުސޫލުން ދޫކުރުން ކަމަށާއި ދައުލަތަށް އެންމެ ފައިދާ ހުރި އަދި ހަމަހަމަ އުސޫލަކީ ވެސް އެއީ ކަމަށެވެ. އަދި ގަވާއިދަކާއި ގާނޫނެއް އޮއްވައި އެއާ ދެކޮޅަށް އެލްޖީއޭއަށް ކަންކަން ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.