މިއަދު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި މުޒާހަރައިގައި ބައިވެރިވި ބަޔަކު ހޯދުމަށް ފުލުހުން ކުރި މަސައްކަތުގެ ތެރެއިން ކެފޭއަކުން ނެރެވުނީ ނޫސްވެރިއެއްކަން އެނގުނީ އެ ކެފޭ ތެރެއިން އޭނާ ނެރުނު ފަހުން ކަމަށް ފުލުހުން ބުނެފިއެވެ.
ކެފޭއެއްގެ ތެރެއިން ނޫސްވެރިއެއް ނެރުނު މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް ނޫސްވެރިން ގެނައުމުން ފުލުހުން ބުނީ މިއަދުގެ މުޒާހަރައިގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދާން އެންގުމުން ހަޑި ހުތުރު ބަހުން މުއާމަލާތުކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، މުޒާހަރައިގެ ބައިވެރިން ކެފޭއެއްގެ ތެރެއަށް ވަދެގަނެފައިވާ ކަމަށެވެ.
އެގޮތަށް އެ ކެފޭ ތެރެއަށް ވަދެގަތް މީހުން އެތަނުން ނެރެފައިވާނެ ކަމަށާއި އެތަނުން ނެރެން އުޅުމުން ވެސް ނޫސްވެރިޔާ ހިމެނޭގޮތަށް ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ. އަދި ނޫސްވެރިޔާ ބިންމައްޗަށް ވެއްޓިގަނެ، އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ނޫސްވެރިޔާ އެތަނުން ނެރުމުން ނޫސްވެރިއެއް ކަމަށް ބުނުމުން ދޫކޮށްލާފައިވާނެ ކަމަށާއި އޭގެ ކުރިން އެއީ ނޫސްވެރިއެއްކަން އެނގިފައިނުވާ ކަމަށެވެ. އަދި މި ހާދިސާގައި ނޫސްވެރިޔާގެ ފަރާތުން ފެނިފައިވަނީ ނޫސްވެރިއެއްގެ ފަރާތުން ފެނިގެންވާނެ ފަދަ އަމަލުތަކެއް ކަމަށް ނުދެކޭ ކަމަށް ވެސް ބުންޏެވެ.
"މުޒާހަރާތަކާއި އެނޫންވެސް އެހެނިހެން ކަންކަން ކަވަރުކުރާ ނޫސްވެރިންނަށް ވީހާވެސް ބޮޑަކަށް ފުރުސަތު ފަހިކޮށްދީ، ހާމަކަން ބޮޑު ގޮތެއްގައި އެފަދަ ކަންކަން ކަވަރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ޕޮލިސް މީޑިއާގެ ފަރާތުން އަބަދުވެސް ދަނީ މަސައްކަތްކުރަމުން. ނަމަވެސް ބައެއް މަދު މީޑިއާގެ ފަރާތްތަކުން ނޫސްވެރިކަމުގެ މިންގަނޑުން ބޭރުވެ، ހަމަނުޖެހުން އުފެދޭގޮތަށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރާކަމީ މި ސާވިސް އިން ނުހަނު ކަންބޮޑުވާ ކަމެއް. ވީމާ ނޫސްވެރިން ވެސް މިކަމަށް ސަލާލުވެ ދެއްވުމަކީ މި ސާވިސްގެ އެދުމެއް،" ފުލުހުން ބުންޏެވެ.
ކެފޭ ތެރެއިން ނެރުމުގެ ކުރިން އެއީ ނޫސްވެރިއެއް ކަމެއް ފުލުހުންނަށް ނޭނގޭ ކަމަށް ބުނި ނަމަވެސް، އާންމުވެފައިވާ ވީޑީއޯއަކުން ފެންނަ ގޮތުގައި އޭނާގެ ކަރުގައި ޕްރެސް ކާޑު އޮތެވެ. އަދި ކެފޭ އިން ނެރުމުގެ ކުރިން އެތަނުގައި ހުރި ޗެނަލް 13ގެ އިސްވެރިޔަކު ތަކުރާރުކޮށް އެއީ ނޫސްވެރިއެއް ކަމަށް ވިދާޅުވާ އަޑުވެސް އިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު