މާލެ ސަރަހައްދަށް ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދެމުން ދަނީ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ވެހިކަލެއް ބާއްވާނެ ގަރާޖެއް ހުރިކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން މިހެން ބުނެފައި މިވަނީ، އެންމެ ބޮޑަށް ކޮރަޕްޝަން އެކުލެވޭ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނީ ލައިސަންސް ދިނުމުގެ ކަންކަމާއި ވެހިކަލް ރަޖިސްޓްރޭޝަންގެ ކަންކަން ކަމަށް އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ސީޑީސީގެ ޑރ. ސިމާދު ސައީދު ވިދާޅުވުމާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައެވެ.
ޓްރާންސްޕޯޓުން ބުނީ މާލެ ސަރަހައްދަށް ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓަރީކޮށްދެމުން ދަނީ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ވެހިކަލެއް ބާއްވާނެ ގަރާޖެއް ހުރިކަން ކަށަވަރުކުރުމަށް ފަހު ކަމަށާއި ވެހިކަލް ރަޖިސްޓަރީކޮށްދިނުމުގައި ބަލަނީ މާލޭ ސިޓީ ކައުންސިލް ނުވަތަ އެޗްޑީސީން ދޫކުރާ ހުއްދައެއްގެ މައްޗަށް ކަމަށެވެ.
"އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގައިވާ ގޮތުން ގްރޭޓާ މާލެ ސަރަހައްދަށް ވެހިކަލް ރަޖިސްޓަރީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހަޅާ އެޕްލިކޭޝަންތަކާއެކު ވެހިކަލް ބާއްވާނެ ގަރާޖެއްގެ ހުއްދަ އޮންނަން ޖެހޭނެކަމަށް ބުނެފައިވާތީ، ވެހިކަލް ރަޖިސްޓަރީ ކޮށްދިނުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބަލަނީ މާލޭ ސިޓީ ކައުންސިލުން ނުވަތަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރާ ހުއްދައެއްގެ މައްޗަށް ކަމުގައި ދަންނަވަމެވެ..،" ޓްރާންސްޕޯޓް އޮތޯރިޓީގެ ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން ޓްރާންސްޕޯޓުން ބުނީ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު މާލެއަށް ރަޖިސްޓަރީ ކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރާތީ 2019 ވަނަ އަހަރުން ފެށިގެން ވެހިކަލް ބާއްވާ ގަރާޖަކީ ރަނގަޅު ތަނެއްތޯ އެ އޮތޯރިޓީން ބަލައި ޗެކްކުރަމުން އަންނަ ކަމަށެވެ. އަދި އެ އޮތޯރިޓީން އެތަން ބަލާއިރު އެތަނަކީ ގަރާޖަކަށް ނުވާނަމަ ނުވަތަ ގަރާޖެއްގެ ޝަރުތު ފުރިހަމަނުވާ ތަނެއްނަމަ އެތަނަކަށް ވެހިކަލް ރަޖިސްޓަރީ ކޮށްދީފައިނުވާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
"އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން، ދައްކަވާފައިވަނީ މިހާރު ކަންހިނގަމުންދާ ގޮތާ ކަނޑައެޅިގެން ހިލާފު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ..،" ބަޔާނުގައިވެއެވެ.
އިއްޔެގެ ކޮމެޓީ ބައްދަލުވުމުގައި ސިމާދު ވިދާޅުވީ މާލޭގައި ޕާކުކުރާނެ ޖާގަ ނެތުމުގެ ސަބަބުން އުސޫލަށް ބަދަލު ގެނެސް ގަރާޖެއް ދައްކާފައި ވެހިކަލް ރަޖިސްޓަރީކުރެވޭ ގޮތް ހެދި ކަމަށާއި އެގޮތުން އެއް ގަރާޖަކަށް 70 ވެހިކަލް ރަޖިސްޓަރީކުރުން ފަދަ ކަންކަންވެސް ހިނގާފައި އެބަހުރި ކަމަށެވެ. އަދި ގޭގެ ނަމަށް އުނިއިތުރު ގެނެސްގެންވެސް އެތައް ވެހިކަލެއް ރަޖިސްޓަރީ ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު