މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނަށް، އަންނަ ހަފުތާގައި އިދިކޮޅު ފަރާތްތަކުން ޖަވާބު ދޭނެ ކަމަށް އިދިކޮޅު ޕްރޮގްރެސް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނަނީ ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާބެހޭ ސިޔާސަތުތައް ހާމަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.
އެގޮތުން މިއަހަރަށް ރައްިޔތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ހުސްވި ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް ވަނީ ރިޔާސީ ބަޔާން އިއްވަވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނަނީ، ކޮންމެ އަހަރަކު ރައްިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވެވުމުން، އެވަގުތު މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީގެ ލީޑަރު އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަންވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ އެމްޑީޕީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން މަޖިލީހުގައި ތިއްބަވަނީ އިދިކޮޅު ޕީޕީއެމްގެ ފަރާތުންނެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރެއްގެ ގޮތުގައި އިންނަވަނީ ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
އަންނަ ހަފުތާގައި މެންބަރު ސަލީމު، ރައީސްގެ ރިޔާސީ ބަޔާނަށް ދޭ ޖަވާބު މަޖިލީހުގައި އިއްވަވާނެ ކަމަށް ވިދާޅުވެ، މެންބަަރު ޝަރީފު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ޖަވާބުގައި ސަރުކާރުން އިތުރަށް ސާފުކޮށްދެއްވަންޖެހޭ ކަމަށް ބެލެވޭ ކަންކަމަށް ސަރުކާރުން ޖަވާބުދާރީވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު