އިންޑިއާގެ ނޭވީގެ ޑޯނިއާ މަތިންދާބޯޓެއް ރާއްޖޭގައި އޮޕަރޭޓު ކުރުމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ހާމަ ނުކުރަން ޑިފެންސް މިނިސްޓްރީން ނިންމީ ރަނގަޅަށް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) މިއަދު ނިންމައިފިއެވެ.

ޑޯނިއާ މަތިންދާބޯޓުު އޮޕަރޭޓު ކުރުމާ ގުޅޭގޮތުން އިންޑިއާ އާއި ދިވެހި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް ޑިފެންސް މިނިސްޓްރީގައި އެދިފައިވަނީ ނޫސްވެރިއެއް ކަމަށްވާ އަހުމަދު އަޒާނެވެ.

ނަމަވެސް އެ މައުލޫމާތަކީ ހާމަކުރެވޭނެ މައުލޫމާތެއް ނޫން ކަމަށާއި އެ މައުލޫމާތު ހާމަކޮށްފިނަމަ ދޭދޭ ގައުމެއްގެ ދެމެދުގައި އޮންނަ ގުޅުމަށް ބުރޫއަރާފާނެ ކަމަށާއި އަދި ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި ސިފައިންގެ ލަފާދޭ މަޖިލީހުން ވެސް ވަނީ އެ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށް ނިންމައިފައެވެ.

ގާނޫނު އަސާސީގެ 274 ވަނަ މާއްދާގައިވާ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާވުމަކީ، ގައުމުގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ނުވަތަ މީހުންގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ވުމެވެ. އޭގެ ތެރޭގައި ޓެރަރިސްޓް ހަމަލާތަކާއި ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތައް ހިމެނެއެވެ. އެހެން ނަމަވެސް ރައްޔިތުންނަށް ލިބިދޭ ގާނޫނީ ހައްގުތައް ބޭނުންކޮށްގެން ތާއީދުކުރުމަށް ނުވަތަ އިންކާރުކުރުމަށް ގާނޫނާ ހިލާފުނުވެ ހިންގާ ހަރަކާތްތައް އޭގެ ތެރޭގައި ނުހިމެނެއެވެ.

އެ މައްސަލައިގައި ޑިފެންސުން މައުލޫމާތު ހާމަ ނުކުރި މައްސަލަ އަޒާންގެ ފަރާތުން އައިކޮމްއަށް ވަނީ ހުށަހަޅައިފައެވެ. އޮންލައިންކޮށް މިއަދު ކުރިއަށްގެންދިޔަ އެ އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ނިންމަވާފައިވަނީ އެ މައުލޫމާތުގެ ސަބަބުން ދޭދޭ ދެގައުމުގެ ދެމެދުގައި ހެދިފައިވާ ސިއްރު އެއްބަސްވުމެއްގެ މައުލޫމާތު ހާމަކޮށްފިނަމަ، ރާއްޖޭގެ ސިޔާދަތަށް ގެއްލުންތަކެއް ކުރިމަތިވުން އެކަށީގެންވާ ކަމަށެވެ. އަދި މި މައްސަލައަކީ ގާނޫނު އަސާސީގެ 274 ވަނަ މާއްދާގައިވާ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާ ވެދާނޭފަދަ މައުލޫމާތެއްކަން ސާފުކޮށް އެނގޭ ކަމަށްވެސް ފިޔާޒު ވިދާޅުވިއެވެ.

ފިޔާޒް ވިދާޅުވީ މި މައްސަލަ ސިފައިންގެ ލަފާދޭ މަޖިލީހުން ނިންމާފައިވާ ނިންމުން ބަދަލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި މި މައްސަލައިގައި މައުލޫމާތު ހާމަ ނުކުރުމަށް ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ.

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި އަދަދު ހާމަކުރުމަށް އަޒާން އެދުމުން އެ އަދަދު ހާމަ ނުކުރުމަށް ޑިފެންސް މިނިސްޓްރީން ނިންމީ ރަނގަޅަށް ކަމަށާއި އެއީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް އައިކޮމް އިން މީގެ ކުރިން ވަނީ ކަނޑައަޅައިފައެވެ. އެ މައްސަލަ އަޒާން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.