ލ. ކަޅައިދޫގައި އިމާރާތްކުރާ ތައުލީމާއި ހުނަރު ދަސްކޮށްދޭ މަރުކަޒުގެ އަމަލީ މަސައްކަތް ވީ އެންމެ އަވަހަށް ފެށުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކަޅައިދޫގައި އިމާރާތްކުރާ ތައުލީމާއި ހުނަރު ދަސްކޮށްދޭ މަރުކަޒާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ކަޅައިދޫގައި އިމާރާތްކުރާ މަރުކަޒަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ސަލާމަތްކުރުމަށް އެކުލަވާލާފައިވާ ނޭޝަނަލް އެކްޝަން ޕްލޭންގެ ދަށުން، ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކޮށް، އެފަދަ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށް ބޭނުންވާ ތައުލީމާއި ތަމްރީނު ދިނުމަށް އިމާރާތްކުރާ މަރުކަޒެކެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރުކުރީގައި ބޭއްވި ބައްދަލުކުރެއްވުުގައި ކަޅައިދޫގައި އިމާރާތްކުރަން ހަމަޖައްސާފައިވާ މަރުކަޒުގައި ކުރިއަށްގެންދަން ރާވާފައިވާ ހާއްސަ ޕުރޮގުރާމުތަކާއި އެތަން އިމާރާތްކުރުމަށް ހިނގާނެ ހަރަދާއި މަރުކަޒާ ގުޅޭ އިދާރީ ކަންކަން ރާވައި ހިންގާނެ ގޮތާ ގުޅޭގޮތުން، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. އަދި، މި މަރުކަޒާ ގުޅޭގޮތުން ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުން ފުރިހަމަ ކުރަންޖެހޭ ކަންކަމަށް ވެސް މި މަޝްވަރާތަކުގައި އަލިއަޅުއްވައިލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މިއީ ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް، ހަރުދަނާ ޒުވާނުންގެ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި މި މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމުގެ މުހިންމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވައިދެއްވުމަށް މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި، އެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ވެސް ރައީސް ވަނީ މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުމަށް ސަރުކާރުން މިއަހަރު ކުރުމަށް ރާވާފައިވާ ބައެއް މަސައްކަތްތަކަށް އަލިއަޅުއްވައިލައްވައިފައެވެ. މިގޮތުން އެމަނިކުފާނު ވަނީ، ކަޅައިދޫގައި އިމާރާތްކުރާ މަރުކަޒުގައި ތައުލީމާއި ހުނަރުގެ މުހިންމު ޕުރޮގުރާމުތަކެއް ހިންގޭނެ ކަމުގައި ވިދާޅުވެފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީއާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަނާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދުދީދީގެ އިތުރުން ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ، ޑރ. މުސްތަފާ ލުތުފީ ބައިވެރިވެވަޑައިގެންނެވިއެވެ.