ދުނިޔޭގެ ޗެމްޕިއަން ބަޔާން މިއުނިކުގައި 13 އަހަރު ހޭދަކުރުމަށް އެ ކްލަބު ދޫކޮށްލަން ނިންމާފައިވާ ކަމަށް އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލާބާ ބުނެފިއެވެ.

ބަޔާންއާއެކު އިތުރު އެއްބަސްވުމަކަށް ނުގޮސް، މި ސީޒަން ނިމުމާއެކު އެ ކްލަބު ދޫކޮށްލާނެކަން އިއުލާންކޮށް އަލާބާ ބުނެފައި ވަނީ އެންމެ ލޯބިވާ ކްލަބު ދޫކޮށްލުމަކީ ނިންމި އުނދަގޫ ނިންމުމެއް ނަމަވެސް، ތަފާތު ތަޖުރިބާއެއް ހޯދުމަށް ކުރިއަށްދާނީ އުންމީދާ އެކުގައި ކަމަށެވެ.

2008 ވަނަ އަހަރު ބަޔާންއާ ގުޅުނު އަލާބާ ވަނީ ކްލަބާއެކު ހުރިހާ ކާމިޔާބެއް ހޯދައިފައެވެ. ދެ ފަހަރަށް ކްލަބު ވޯލްޑް ކަޕްގެ އިތުރުން ޔޫރަޕްގެ ޗެމްޕިއަންކަންވެސް އަލާބާ ބަޔާންއާއެކު ހޯދާފައިވާއިރު، އޭނާ ކްލަބާއެކު މިދިޔަ އަހަރު ނިންމާލީ ހަ ޓްރޮފީ ހޯދައި ތާރީހުން ޖާގަ ހޯދައިގެންނެވެ. މިދިޔަ ދެތިން މަހުގައިވެސް އަލާބާއާއެކު ބަޔާންއިން އެއްބަސްވުން އާކުރުމަށް ވާހަކަތައް ދައްކާފައިވާއިރު، ނޫސްތަކުން ބުނެފައި ވަނީ އަލާބާގެ ފަރާތުން ހުށަހެޅި މުސާރަ ދޭން ބަޔާންއިން ބޭނުން ނުވާ ކަމަށެވެ.

އުމުރުން 28 އަހަރުގެ އަލާބާ ވަނީ ބަޔާންއަށް 415 މެޗު ކުޅެ، 33 ގޯލް ޖަހާފައެވެ. މުޅި ދުނިޔޭގައިވެސް ހުރި އެންމެ މޮޅު އެއް ޑިފެންޑަރު އަލާބާއަކީ މެދު ތެރެއަށްވެސް ކުޅެވޭ، ހުނަވެރި ކުޅުންތެރިއެކެވެ. ހިލޭ ޓްރާންސްފާއެއްގައި އޭނާ ގެންދަން މިހާރުވެސް ޔޫރަޕްގެ ހުރިހާ ބޮޑެތި ކްލަބުތަކުން މަސައްކަތް ކުރަމުން ދެއެވެ.

އިތުބާރު ހުރި ނޫސްވެރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލާބާ ދިޔުން އެންމެ ގާތީ ރެއާލް މެޑްރިޑަށެވެ. ސްޕެއިންގެ ގަދަބާރު ރެއާލްއާއެކު މިހާރު އަލާބާ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި، ސީޒަން ނިންމުމަށްފަހު ސޮއިކުރާނެ ކަމަށް އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯވެސް ވަނީ ރިޕޯޓް ކޮށްފައެވެ.