ކޮވިޑް 19އިން ދިފާއުވުމަށް އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖެހުމުގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެއެވެ.
ޔުނިވާސިޓީ އޮފް އޮކްސްފޯޑާއި އޮކްސްފޯޑް މާޓިން ސްކޫލު ގުޅިގެން ހިންގާ "އަވާ ވޯލްޑް އިންޑޭޓާ" އޯގަނައިޒޭޝަންގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖެއިން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އާބަދީގެ ކޮންމެ 100 އިން ހަތް މީހުންނަށް ވެކްސިން ދީފައިވެއެވެ. އެ ވެބްސައިޓުގައި ރާއްޖޭގެ އާބާދީ ކަމަށް އަންދާޒާކޮށްފައިވަނީ 540،542 އެވެ.
ދުނިޔޭގައި އެންމެ އަވަހަށް ވެކްސިން ޖަހަމުން އަންނަ 26 ގައުމުގެ ލިސްޓެއްް އެ ވެބްސައިޓުގައި ހިމަނާފައިވާ އިރު، ރާއްޖެ ހިމެނެނީ ލިސްޓުގެ ފަސްވަނައިގައެވެ. އެންމެ ކުރީގައި އިޒްރޭލު އުޅޭ އިރު، އެކުވެރި އަރަބި އިމާރާތް، ޔޫއޭއީ އޮތީ ދެވަނައިގައެވެ. ލިސްޓުގެ ތިންވަނަގައި ޗިލީ އޮތް އިރު، އާބާދީގެ ނިސްބަތުން ހަތަރުވަނައަށް އެންމެ ގިނަ މީހުން ވެކްސިން ޖަހާފައިވަނީ ސާބިއާއިންނެވެ.
އެ ލިސްޓުގައި އިނގިރޭސިވިލާތާއި އެމެރިކާ އާއި ފްރާންސް ފަދަ ގައުމުތައް ހިމެނެނީ ރާއްޖެއަށް ވުރެ ދަށުގައެވެ. ލިސްޓުގެ އެންމެ ފުލުގައި އޮތީ މެކްސިކޯ އާއި އިންޑިއާއެވެ.
ރާއްޖޭގައި މިމަހުގެ އެއްވަނަ ދުވަހު ކޮވިޑް ވެކްސިން ދޭން ފަށައިފައިވާ އިރު، މިއަދުގެ ނިޔަލަށް ބައި ލައްކައަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ. ރާއްޖެއިން އެވްރެޖްކޮށް ދުވާލަކު 5000 އަށްވުރެ ގިނަ މީހުންނަށް ވެކްސިންދެއެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. އެ ޝިޕްމަންޓް ހުސްވަންދެން ވެކްސިންގެ ފުރަތަމަ ޑޯޒް ދެމުންގެންދާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެ ވެކްސިންގެ އިތުރުން ރާއްޖެއަށް ވަނީ 10،000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން މިމަހުގެ މެދެއްހާ ހިސާބުގައި ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ދޭން ނިންމާފައިވާ ވެކްސިން ވެސް ގެންނާނެއެވެ. އަދި ރާއްޖެއަށް ފައިޒާ ވެކްސިން ގެންނަން ވެސް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު