ޚަބަރު

ގާސިމް ސަލާމުގައި ހުންނަވަނީ މާލޭގައި ކޮވިޑުގެ ހާލަތު ގޯސްވުމުން: އަލީ ސޯލިހު

އަލީ ޔާމިން

1

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ވެރިކަން ހިންގާ ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހަށް ސަލާމް ވިދާޅުވެ، މާލެ ވަޑައިނުގެން ސަން އައިލެންޑުގައި މަޑުކޮށްގެން ހުންނެވީ މާލޭގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާތީ ކަމަށް ޖޭޕީގެ ކައުންސިލް މެމްބަރު އަދި ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މެންބަރުން ސަލާމް ފޮނުއްވާ އިރު، ވަރަށް ގިނަ ދުވަހު ސަލާމުގައި ތިއްބަވާ މެންބަރުން ފާހަގަކުރެވިފައިވާ ކަމަަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ހުންނެވީ ސަލާމުގައި ކަމަށާއި އަދި މިދިޔަ އަހަރު އެކީގައިހެން ގާސިމު ހުންނެވީ ސަލާމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވުމުން އަލީ ސޯލިހު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ގާސިމް އިބްރާހިމް، ސަން އައިލެންޑުގައި މަޑުކުރައްވަނީ މާލޭގައި ކޮވިޑުގެ ހާލަތު ހުރި ގޮތުން އެއީ އެންމެ ރައްކާތެރި ގޮތް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

"ކޮވިޑް ނެތް ސަރަހައްދެއްގައި ހުރެފައި ކޮވިޑް އޮތް ސަރަހައްދަކަށް އައިސް ގޮސްވުމުގައި ސަމާލުކަން ދޭން ޖެހޭނެ ކަންތައްތަކެއް ހުންނާނެ. އެހެންވީމާ މިދަނޑިވަޅުގައި އެންމެންނަށްވެސް އެންމެ ރައްކާތެރި ހެޔޮގޮތަކީ އެމީހަކު ހުރި ތަނެއްގައި ދެމިހުރުން ކަމަށް ގަބޫލުކުރައްވާތީ ގާސިމް އިބްރާހިމް ސަން އައިލެންޑުގައި މަޑުކުރައްވަނީ،" އަލީ ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ސޯލިހު ވިދާޅުވީ، ގާސިމްގެ އުންމީދަކީ ގައުމުގެ އެންމެންނަށް ކޮވިޑުގެ ވެކްސިން ލިބި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ލިބުން ކަމަށެވެ.