ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ކަސްޓަމްސްއިން ހިފަހައްޓައިފިއެވެ.

ކަސްޓަމްސްއިން ބުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 7:30 ގައި ބަންގުލަދޭޝްގެ ޑާކާއަށް ފުރުމަށް ހަމަޖައްސާފައިވާ މޯލްޑިވިއަން ފްލައިޓް Q2 502 އިން ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ ބަންގުލަދޭޝްގެ 34 އަހަރުގެ ފިރިހެނެއްގެ އަތުން ތަފާތު އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށެވެ.

އެގޮތުން އެމީހާގެ އަތުން އަތުލައިގަނެވުނު ފައިސާއަކީ ކަސްޓަމްސްއަށް ރިޕޯޓްކޮށްފައިނުވާ ފައިސާ ކަމަށްވެސް ބުންޏެވެ. އެމީހާގެ އަތުން އަތުލަައިގަތް ފައިސާގެ އަދަދު 1,148,278.27 (އެއްމިލިއަން ސަތޭކަ ސާޅީސް އަށް ހާސް ދުއިސައްތަ ހަތްދިހަ އަށް ރުފިޔާ ހަތާވީސް ލާރި) އަށް އަރާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެ މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން، 10,000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރުފައިސާ ދިވެހިރާއްޖެއިން އެތެރެކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާނަމަ ކަސްޓަމްސްއަށް އަންގަން ޖެހެއެވެ.