ކޮވިޑާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުކުރު ހުތުބާ ކުރުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، އެ ބަދަލު ގެންނަން ނިންމީ ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އަންނަ ހުކުރު ދުވަހުން ފެށިގެން ހުތުބާ ކުރިއަށްވުރެ ކުރުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކޮވިޑު ކޭސްތަކެއް ފެނުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް މަނާކޮށްފައެވެ.
ރާއްޖޭގައި ކޮވިޑް 19ގެ ކޭސްތައް އިތުރުވަމުންދާތީ، އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތްތަކަށް ދިއުމުގައި އަމަލު ކުރަންވީ އުސޫލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ގުޅިގެން އެކުލަވާލައިފައެވެ. އެ އުސޫލުގައި ވަނީ އުމުރުން ދުވަސްވީ މީހުންނާއި ފުއްޕާމޭގެ ބަލިތައް ހުންނަ މީހުން މިސްކިތަށް ގޮސް ނަމާދުނުކުރަން އަންގައިފައެވެ.
މީގެ އިތުރުން ގެއިން ވުޟޫ ކޮށްގެން ދިއުމާއި އަމިއްލަ މުސައްލަ ގެންދިއުމާއި މާސްކް އެޅުމާއި މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުމަށްވެސް އަންގައިފައިވެއެވެ. އަދި ނަމާދުކޮށް ނިމުމުން މިސްކިތުގައި މަޑު ނުކުރުމަށާއި މިސްކިތުގައި ބެހެއްޓިފައި ހުންނަ ހަތިމުތައް ބޭނުން ނުކުރުމަށްވެސް އަންގާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު