އަންނަ އޭޕްރީލް މަހުގެ 10 ގައި ބާއްވަން ތައްޔާރުވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް އިތުރަށް 42.8 މިލިއަން ރުފިޔާ ބޭނުންވާ ކަމަށާއި އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމީޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ ބެހޭ މައުލޫމާތުދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަންގެ ރައީސް ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިން ތައްޔާރު ކުރިއިރު، ބެލި ބެލުންތަކުން އެ ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ބޭއްވުމަށް 45 މިލިޔަން ރުފިޔާ އިތުރަށް ބޭނުންވާ ކަމަށް އަންދާޒާ ކުރެވުނު ކަމަށެވެ.

ނަމަވެސް ގައިޑްލައިން ފައިނަލް ވުމަށްފަހު، އެ ކޮމިޝަންގެ ފައިނޭންސް ޑިޕާޓް މެންޓާއި އިންތިހާބުގެ ކަންތައްތަކުގައި ހިމެނޭ އެންމެންމާއެކު މަޝްވަރާކޮށް، ގައިޑް ލައިންގައިވާ ކަންތައްތަކަށް ބަލައި، އޭގައިވާ ކޮންމެ ކަމަކަށް ތަފްސީލީ ބަޖެޓެއް އެކުލަވައިލިއިރު، އިތުރަށް ބޭނުންވާ އަދަދު 42.8 މިލިޔަން ރުފިޔާއަށް އަރާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެ ބަޖެޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ހުށަހަޅާފައިވާ އިރު، އެ ބަޖެޓުން އުނިކުރަން ބޭނުންކަމެއް އޮތްނަމަ އަވަހަަށް ވިދާޅުވެ ދެއްވުމަށް އެދޭ ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އެ ބަޖެޓާ ބެހޭގޮތުން ބަޖެޓް ކޮމިޓީން މަޝްވަރާ ކުރާއިރު އެކަމާބެހޭގޮތުން އީސީއާވެސް މަޝްވަރާ ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އިތުރަށް ބޭނުންވާ ބަޖެޓްގައި ހިމެނޭ ބައެއް ކަންތައްތައް ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ، އޮފިޝަލުން އިތުރު ކުރަން ޖެހުމުން، މުވައްޒިފުންނަށް ހިނގާ ހަރަދަށް 6.5 މިލިޔަން ރުފިޔާ އިތުރަށް ބޭނުންވާ ކަަމަށް ހިމަނާފައިވާނެ ކަމަށެވެ.

އިންތިހާބު ބޭއްވުމަށް މިހާރު ދީފައިވާ 51 މިލިޔަން ރުފިޔާގެ ބަޖެޓުގައި ދަތުރު ފަތުރާއި އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމަށް 7 މިލިޔަން ރުފިޔާ ހިމެނޭއިރު، ގައިޑްލައިނާ ގުޅިގެން އެކަަމށް އިތުރު 11.2 މިލިޔަން ބޭނުންވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ގައިޑްލައިންގެ ދަށުން ގަންނަންޖެހޭ ތަކެތީގެ ތެރޭގައި ރައްކާތެރި ކަމުގެ ފިތަޔަވަޅުތަކަށް ބޭނުންވާތަކެތި ހިމެނޭކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އަދި އޮފީސް ހިންގުމަށް 23 މިލިޔަން އިތުރަށް ބޭނުންވާއިރު މިހާރު ދީފައިވާ 51 މިލިޔަން ރުފިޔާގެ ބަޖެޓުގައި ވެސް އެކަމަށް 23 މިލިޔަން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.