ޓްރާންސްފާ މާކެޓުގައި އެންމެ ވަރުގަދައަށް ދެކެވޭ އެއް ވާހަކައަކީ ޑޭވިޑް އަލާބާގެ ވާހަކައާއި ރެއާލް މެޑްރިޑްގެ ލެޖެންޑަރީ ކެޕްޓަން ސާޖިއޯ ރާމޯސްގެ ވާހަކައެވެ. މީޑިއާތަކުން ތަފާތު ވާހަކަތައް ތިލަކުރަމުންދާ އިރު، އެންމެ އިތުބާރު ފަރާތްތަކުގެ ނަޒަރުގައި އަލާބާގެ ނިންމުން މިއަދު ސާފުވެގެން ދާނެއެވެ. އަދި އެ ނިންމުން ވެގެންދާނީ ރެއާލް ސަޕޯޓަރުން ހިތްހަމަ ޖެހިގެންދާނެ ނިންމުމެއް ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.
ޓްރާންސްފާ ހަބަރުތައް ދިރާސާކުރާ އެންމެ އިތުބާރު ބޮޑު އެއް ނޫސްވެރިޔާ، ފަބްރީޒިއޯ ރޮމާނޯ ބުނެފައިވާ ގޮތުގައި އަލާބާ ރެއާލްއާއެކު އެއްބަސްވުމަކަށް އައިސް، 2025 އާ ހަމައަށް ހިނގާނެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ތައްޔާރުވެފައެވެ. އަދި ވަރަށް އަވަހަށް ސޮއިކޮށް، އެކަން އިއުލާނުކުރާނެ ކަމަށް އޭނާއަށް ފެންނަ ކަމަށްވެސް ވަނީ ބުނެފައެވެ. އެ ޓްރާންސްފާ ވެގެންދާނީ މި ސީޒަންގެ އެންމެ ބޮޑު އެއް ޓްރާންސްފާއަށެވެ. ފްރީ އެޖެންޓެއްގެ ގޮތުގައި މިވަގުތު އަލާބާ ހުރިއިރު، އޭނާ ބަޔާން ދޫކޮށްލަން ތައްޔާރުވިކަން މިދިޔަ ސީޒަނަށްފަހުވެސް ވަނީ އިއުލާންކޮށްފައެވެ.
ދެން އޮތީ ރެއާލަށް އެތައް ދުވަހަކު ކުޅެ، އެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރާމޯސްގެ ވާހަކައެވެ. ސްޕެއިންގެ ފުޓުބޯޅަ ހަބަރުތައް ދިރާސާކުރާ ދެ ނޫހަކުން މިދިޔަ ހަފްތާ ރިޕޯޓުކޮށްފައިވާ ގޮތުގައި، ރެއާލްއާއެކު ރާމޯސް ވެފައިވާ އެއްބަސްވުން އިތުރަށް އާ ނުކުރާނެއެވެ. މި ސީޒަންގެ ނިޔަލަށް އެއްބަސްވުން ހަމަވާ އިރު، ސްޕެއިންގެ އެންމެ އިތުބާރުކުރެވޭ އެއް ނޫސް، މަރްކާއިން ބުނެފައިވާ ގޮތުންވެސް ރާމޯސްއާއި ރެއާލްއާ ދެމެދު ވާހަކަތައް އަދި ދިމައެއް ނުވެއެވެ. އެއްބަސްވުމަށް ނައިސް، ރާމޯސް ރެއާލް ދޫކޮށްލާފާނެ ކަމަށް، މިހާރު ގިނަ ކްލަބުތަކަކުން ވަނީ އެލާޓަށް އައިސްފައެވެ.
ރާމޯސް ގެންދަން މަސައްކަތް ކުރާ ކްލަބުތަކުގައި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ބެކަމްގެ އިންޓަ މިއާމީއާއި ފްރާންސްގެ ޕީއެސްޖީ ހިމެނެއެވެ. ނޫސްތަކުން ބުނެފައިވާ ގޮތުގައި އަލާބާ ހޯދަން ރެއާލްއިން މަސައްކަތް ކުރަމުންދަނީ ރާމޯސް ދާނެ ކަމަށް ބަލައިފައެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް