އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލްއާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗު، ޗެލްސީން 2-0ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފިއެވެ.
ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މެޗުން މޮޅުވެ، އެޓީމު ވަނީ ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފަ އެވެ. ކުޅުނު 24 މެޗުން 42 ޕޮއިންޓާއެކު ޗެލްސީ ހަތަރުވަނައަށް ޖެހިލާފައިވާއިރު، ފްރޭންކް ލެމްޕާޑް ފޮނުވާލައި، ކްލަބުން އަލަށް ގެނައި ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު އެއްވެސް މެޗަކުން އަދި ބަލިވެފައެއް ނުވެއެވެ. އެންމެ ފަހުން ޗެލްސީން ލީގުގައި ކުޅުނު ފަސް މެޗުން އެޓީމު ވަނީ ހަތަރު ކްލީންޝީޓް ވެސް ހޯދައިފަ އެވެ.
ރޭގެ މެޗަށް ޗެލްސީން ނުކުތީ ގޯލްކީޕަރު ކެޕާ އަރީޒާބަލާގާ ފުރަތަމަ 11 ގައި ހިމަނައިގެންނެވެ. ލެމްޕާޑުގެ ކޯޗުކަމުގައި ފޯމު ގެއްލި، ގިނަ މިސްޓޭކުތަކެއް ކެޕާ ފަރާތުން ފެނިފައިވާއިރު، އާންމުކޮށް ފުރަތަމަ 11 އިން ފެންނަނީ ސެނެގާލްގެ ގޯލްކީޕަރު އެޑުއާޑް މެންޑީއެވެ. ރޭގެ މެޗަށް ކެޕާ ނުކުމެފައިވާއިރު، ކޯޗު ޓުޗެލް މެޗަށްފަހު ބުނެފައިވަނީ އަދިވެސް އެއް ނަންބަރު ކީޕަރަކީ މެންޑީ ނަމަވެސް، ކެޕާއަށް ވެސް އުންމީދު ދޭންޖެހޭ ކަމަށެވެ.
މެޗު ޗެލްސީން ޑޮމިނޭޓްކޮށް، ގިނަ ޕާސްތަކެއް ޖަހައިގެން ކުޅެފައިވާއިރު، ފުރަތަމަ ހާފުގައި ޓެމީ އަބްރަހަމް އަށް އަނިޔާވެ އޭނާގެ ބަދަލުގައި އޮލިވިއާ ޖިރޫ ކުޅެން ނުކުމެފައިވެ އެވެ. މެޗުގެ ފުރަތަމަ ގޯލު ވެސް ޖަހައިދިނީ ޖިރޫ އެވެ. ޓީމޯ ވާނާ އަރިމަތިން ކުރިއަށް ޖެހި ނެގި ހުރަސް ކީޕަރު ޕަންޗު ކޮށްލުމުން ލިބުނީ ޖިރޫއަށެވެ. އޭނާ ހުސްކޮށް އޮވެ ގޯލަށް ބޯޅަ ވައްދާލީ ފަސޭހަކަމާ އެކުގައެވެ.
މި ސީޒަނަށް ޖަރުމަނު ލީގުން ޗެލްސީއަށް ބަދަލުވި ފޯވަޑް ވާނާއާ މެދު ކުރެވުނު އުންމީދު ބޮޑުވެ، އޭނާއަށް ގޯލު ޖެހުމަށް ބޮޑު ޕްރެޝަރަކާ ކުރިމަތިވި އެވެ. ސީޒަން ރަނގަޅަށް ފެށި ނަމަވެސް އޭނާގެ ފަރާތުން ގޯލެއް ނުފެނި ގިނަ ދުވަސްވުމުން ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ވެސް ކިޔައިފަ އެވެ. ރޭގެ މެޗުގައި ވެސް ގޯލެއް ޖެހުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރިތަން ފެނިފައިވާއިރު، 14 މެޗަށްފަހު ރޭގެ މެޗުގައި ގޯލު ޖެހީ ކޯނަރެއްގެ އެހީގައެވެ.
ވާނާގެ އެ ގޯލަކީ 1000 މިނެޓަށްފަހު އޭނާގެ ފަރާތުން ފެނުނު ގޯލެކެވެ. ގޯލު ނުޖެހި ގިނަ ދުވަސްތަކެއް ދިޔަ ނަމަވެސް ވާނާ އަކީ މުޅި ލީގުގައި ވެސް އެންމެ ގިނަ ހަމަލާ އުފެއްދި އެއް ކުޅުންތެރިޔާއެވެ. ގޯލު ނުޖެހި ދިޔަ 14 މެޗުގައި އޭނާ ވަނީ 31 ފަހަރެއްގެ މަތިން ގޯލަށް ހަމަލާ އުފައްދައިފަ އެވެ. ނަމަވެސް އެ ހަމަލާތަކުގެ ތެރެއިން ގޯލެއް ޖެހިފައިވަނީ 100 ދުވަހަށް ފަހުގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު