ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމަށްފަހު ރާއްޖެއިން ބޭރަށް ފުރޭނެ މުއްދަތު އޮތް ދަރިވަރުން ރަޖިސްޓްރީ ވުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެ އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީ މެދުވެރިވެގެން ސްކޮލާޝިޕް ފުރުސަތުތަކުގައާއި މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ އަދި އަމިއްލަ ހަރަދުގައި ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މިވަގުތު ރާއްޖޭގައި ތިބި ދަރިވަރުން ކޮވިޑުގެ ވެކްސިން ދެ ޑޯޒް ފުރިހަމަކުރުމަށްފަހު އެނބުރި ރާއްޖޭން ބޭރަށް ދިއުމަށް އެދެމުން އަންނަ ކަމަށެވެ.
އެހެންކަމުން އެނބުރި ކިޔަވަން ދިއުމުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު މަދުވެގެން ހަތަރު ހަފުތާ ހަމަކޮށް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނެ މުއްދަތު އޮތް ދަރިވަރުން ރަޖިސްޓްރީވާން މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. ކޮންމެ މީހަކަށް ވެސް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭތީ އެ ޝިޕްމަންޓުން ވެކްސިން ދެވޭނީ 50،000 މީހުންނަށެވެ.
އެ ވެކްސިންގެ އިތުރުން ރާއްޖެއަށް ވަނީ 10،000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައެވެ. އަދި ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން މިމަހުގެ މެދެއްހާ ހިސާބުގައި ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ދޭން ނިންމާފައިވާ ވެކްސިން ވެސް ގެންނާނެއެވެ. އަދި ރާއްޖެއަށް ފައިޒާ ވެކްސިން ގެންނަން ވެސް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު