ޚަބަރު

މެމްބަރު ގާސިމް އިބްރާހިމް މިދިޔަ އަހަރުން ފެށިގެން ހުންނެވީ ސަލާމުގައި: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު އަދި ވެރިކަން ހިންގާ ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިދިޔަ 2020 ވަނަ އަހަރު މުޅިންހެން ހުންނެވީ ޗުއްޓީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މެމްބަރުން ސަލާން ފޮނުއްވާއިރު ވަރަށް ގިނަ ދުވަހު ސަލާމުގައި ތިއްބަވާ މެންބަރުން ފާހަގަކުރެވިފައިވާ ކަމަަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު ހުންނެވީ ސަލާމުގައި ކަމަށާއި އަދި މިދިޔަ އަހަރު އެކީގައިހެން ގާސިމު ހުންނެވީ ސަލާމުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް މެމްބަރު ސިޔާމު ސަލާމުގައި ހުންނަވާ މުއްދަތެއް ވިދާޅެއްނުވެ އެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެއިން ވަހީދު ވެސް ހުންނެވީ ސަލާމުގައި ކަމަށާއި ނަމަވެސް އޭނާ ސަލާމުގައި ހުންނެވީ އާލާސްކަންފުޅަކާ ގުޅިގެން ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މެމްބަރު ހުސެއިން ވަހީދު އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނީ ދުބާއީގެ ހޮސްޕިޓަލެއްގައެވެ.