ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް، އިމިގްރޭޝަނުގެ ޓާސްކުފޯހުން ކުރިޔަށްގެންދިޔަ ރެއިޑް އޮޕްރޭޝަނުގައި ނުވަ ކެފޭއަކުން ދިހަ ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިމިގްރޭޝަންގެ ޓާސްކް ފޯސް އިން ވަނީ މިއަދު ހެނދުނު ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

އެ ރެއިޑުގައި މާލޭގެ ނުވަ ކެފޭއެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ދިހަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އޭގެ އިތުރުން މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ ވެސް އިމިގްރޭޝަންގެ ޓާސްކް ފޯހުން ވަނީ މާލޭގެ ފުޑް ކޯޓު ސަރަހައްދުގައި އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސް، 88 ބިދޭސީއަކު ބަލައި ފާސްކޮށް، 27 ބިދޭސިއަކު އެ މުވައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މިމަހުގެ 11 ވަނަ ދުވަހު ތިލަފުށީގައި ކުރިޔަށްގެންދިޔަ ރެއިޑް އޮޕްރޭޝަނުގައި 836 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.