މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް އިއްޔެ ވަނީ 4،856 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިމަހުގެ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ފަހަރެވެ. މީގެ ކުރިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 4،809 ފަތުރުވެރިން އައިސްފައިވެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް މިމަހުގެ ތެރޭގައި ރާއްޖެއަށް 46،809 ފަތުރުވެރިން އައިސްފައިވެއެވެ. މިއަދުގެ އަދަދުތަކާއެކު އެ އަދަދު 50،000 އަށް އަރާނެ ކަމަށް ބެލެވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، މިމަހުގެ ތެރޭގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 3،344 ފަތުރުވެރިން އަންނަ ކަމަށާއި ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި އެވްރެޖުކޮށް އަށް ދުވަހު މަޑުކުރާ ކަމަށެވެ. އަދި މިއަހަރު މިހާތަނަށް ރާއްޖެއަށް ޖުމުލަ 140،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށްވެސް ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބައިނަލްއަގުވާމީ 28 އެއާލައިނަކުން އަންނަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރަމުންނެވެ.

ކޮވިޑް 19އާ ގުޅިގެން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވީ ޖުލައި 15 ގައެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 555،494 ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ މިއަހަރުގެ އަމާޒަކީ 1.5 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.