ހޭޅިފަށް ހިމާޔަތްކުރުމަށް ރިވެޓްމެންޓް ޖެހުމުގެ ބަދަލުގައި، މުރަކަ ފަރުތަކާއި ކުޅިތައް (މެންގްރޫވްތައް) ދިރުވައި، އާލާކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރަށްރަށުގެ ހޭޅިފަށް ހިމާޔަތްކުރުމަށް ކޮންގްރީޓް ގާ، ނުވަތަ ހިލަޖަހައި ވަށައިގެންވާ ވެށި ހަލާކު ކުރުމުގެ ބަދަލުގައި، އެ މައްސަލައަށް ގުދުރަތީ ހައްލެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން މުރަކަ ފަރުތަކާއި ކުޅިތައް ދިރުވައި އާލާކުރުމަކީ ހޭޅިފަށް ގިރުމުގެ ނުރައްކާ ކުޑަކޮށްދޭ ކަމެއް ކަމުގައި ނަޝީދު ވިދާޅުވިއެވެ.
އިރުގެ ހޫނާއި، އެކިއެކި ސަބަބުތަކާ ހުރެ މުރަކަތައް މަރުވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، މުރަކަތަކުގެ ހެދިބޮޑުވުން އަވަސްކޮށް މުރަކަތައް ވަރުގަދަކުރުމަށް އެންމެ ފަހުގެ ސައިންސްގެ ބޭނުންކުރަން ޖެހޭ ކަމަށެވެ. އަދި މުރަކަތައް މަރުވާ މައްސަލައަށް އަވަސް ހައްލެއް ގެންނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، ތިމާވެއްޓާ ގުޅުންހުރި ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ފަދަ ބޮޑެތި ބޭންކްތަކުން ފަރުތައް މަރުވާ މައްސަލައާއި ހޭޅިފަށް ގިރާ މައްސަލަ، 1920ގެ އަހަރުތަކުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހައްލު ކުރުމަށް ފަންޑުކުރުން ހުއްޓަން ޖެހޭ ކަމަށާއި މިފަދަ ކަންކަން ހައްލު ކުރެވޭނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށް، އެންމެ ފަހުގެ އުކުޅުތަކާއި ގޮތްތަކުގެ ތެރެއިން ކަމަށެވެ.
ރައީސް ނަޝީދަކީ އަބަދުވެސް ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު