ރައްޔިތުންގެ މަޖިލިސް

އިންޓަނެޓްގެ އަގު ހެޔޮ ނުވާ މައްސައިގައި ހުށަހެޅި ގަރާރު ބަލައިގަނެ، ގައުމީތަރައްގީގެ ކޮމިޓީއަށް ފޮނުވައިފި

އިބްރާހިމް ޒަކީ

ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ކަންތައްތައް ތަރުތީބު ކޮށްފައި ވަނީ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް، ޓެލެކޮމް އޮޕަރޭޓަރުންގެ މަންފާއަށް ކަމަށްވާތީ އެކަން ނިމުމަކަށް ގެނައުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑޭ) މަޖިލީހަށް ހުށަހެޅުއްވި މި ގަރާރު ބަލައިގެންފައި ވަނީ، އެވަގުތު ޖަލްސާގައި ތިއްބެވި 42 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 40 މެންބަރުންގެ އިއްތިފާގުންނެވެ. އެހެންކަމުން މިގަރާރު އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ފޮނުއްވިއެވެ.

މި ގަރާރުގައި، ބުނެފައި ވަނީ ގާނޫނުތަކަށް ބެލުމެއްނެތި، ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ކަންތައްތައް ތަރުތީބު ކޮށްފައި ވަނީ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް، ޓެލެކޮމް އޮޕަރޭޓަރުންގެ މަންފާއަށް ކަމަށެވެ.

އެހެންކަމުން އެކަން ނިމުމަކަށް ގެނައުމަށް ބިލުގައި ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

އިންޓަނެޓް ހިދުމަތުގެ އަގު ހެޔޮ ކުރުމުގެ ގޮތުން އެ ދާއިރާގައި އިތުރަށް ވާދަވެރިކަން އުފެއްދުމަށް އެ ހިދުމަތްދޭ އިތުރު ކުންފުންޏަކަށް މިއަހަރު ލައިލަންސް ދިނުމަަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފައިވާތީ، އެ ގަރާރުގައި ވަނީ ރާއްޖޭގައި އިންޓަނެޓްގެ އަގުހެޔޮ ކުުރުމުގެ ނަމުގައި އިތުރު ކިތަންމެ ގިނަ ފަރާތްތަކަކަށް އޮޕަރޭޓް ލައިސަންސް ދިން ނަމަވެސް އެ ފަރާތްތަކުން އަމަލު ކުރަން ޖެހޭ މިންގަނޑު ތަކާއި، ކަސްޓަމަރުންގެ ހައްގުތަކާއި އޮޕަރޭޓަރުންގެ ޗެކް އެންޑް ބެލެންސް ފަދަ ކަންތައްތައް ބެލޭނެ ފަދަ އިންތިޒާމެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުމެވާނެ ކަމަށެވެ

އެހެންކަމުން އެ މަގުން އިތުރު ޓެލެކޮމް އޮޕަރޭޓަރަކަށް ބިލިޔަނުން ފައިދާވާ ވިޔަފާރިއެއް އުފެއްދުމަށް ދޫކޮށްލައިގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ ގަރާރުގައި އަދި ބުނެފައި ވަނީ، ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް މިހާތަނަށް ހަދާފައި ނުވާ ކަމަށެވެ. އެ ގާނޫނަށް އަަމަލު ކުރެވޭ މިންވަރު ބެލިފައި ނުވުމާއި، ގާނޫނާ ހިލާފު ވެއްޖެނަމަ އެޅޭނެ ފިޔަވަޅެއް ނެތްއިރު، އެ ހިދުމަތުގެ އަގުތަކާއި ހިދުމަތުގެ ފެންވަރު ކޮންޓްރޯލްކޮށް ބެލެެހެއްޓިފައިވެސް ނުވާ ކަމަށެވެ.

އެކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް އެ ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ.