ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލު ގ.އުތުރުގެ، ފަލަސްތީނުގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރުމަށާއި، އިތުރު ހަތް ބޭފުޅަކު އެކި ގައުމުތަކުގެ ރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރުމަށް، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފިއެވެ.

އެގޮތުން ޖަރުމަނުވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަހުމަދު ލަތީފު ހ. ސީވީޑް، ޔުކްރެއިންގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރުމަށާއި، އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު ހުސެއިން ނިޔާޒު ހ.ނިޔާފާ، އާޖަރު ބައިޖާނަށް ކަނޑައެޅުއްވުމަށާއި، ލަންކާގައި ހުންނަވާ، އުމަރު އަބްދުއްރައްޒާގު، ހ.ހިކިފިނިފެންމާގެ، އޮސްޓްރޭލިޔާ އާއި ސައުތު އެފްރިކާއަށް ކަޑައެޅުމަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ.

މީގެ އިތުރުން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ޖިނާހު، މއ ތިބުރޯޒު، ކެމްބޯޑިއާ އާއި ވިއެޓްނާމާއި އަދި ލާއޯ އަށް ކަނޑައެޅުމަށާއި، އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ކަނޑައަޅުއްވާފައި، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދު، ގ.ފަރުކޮޅު، އިޓަލީ އާއި ތުރުކީ އާއި އޮސްޓްރިއާ އަށް ކަނޑައެޅުމަށާއި، ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ އައިމިނަތު ޝަބީނާ، ހ.މިސްޓީ ލޮޖް، މިސްރަށް ކަނޑައެޅުމަށާއި، ސިންގަޕޫގައި ހުންނަވާ އިބްރާހިމް ޝަހީމް، ހ. ޖެހޭވައި، ނިއުޒިލެންޑްގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރަން ވެސް ވަނީ ރުހުން ދީފައެވެ.