ޗައިނާގެ ދައުލަތުގެ ބްރޯޑްކާސްޓަރު، ޗައިނާ ގްލޯބަލް ޓެލެވިޝަން ނެޓްވޯކް (ސީޖީޓީއެން) އަށް ޖަރުމަނުގައި ބްރޯޑްކާސްޓު ކުރުމުގެ ހުއްދަ ގެއްލިއްޖެ އެވެ.
ޖަރުމަނުގެ ހުޅަނގުގައި އޮންނަ ނޯތު ރެއިން-ވެސްޓްފާލިއާގެ މީޑިއާ އޮތޯރިޓީގެ ތަރުޖަމާނަކު ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑީޑަބްލިޔު އަށް ވިދާޅުވީ، ސީޖީޓީއެން އަށް ދޫކޮށްފައިވާ ބްރޯޑްކާސްޓު ކުރުމުގެ ލައިސެންސް އިނގިރޭސިވިލާތުގެ ކޮމިއުނިކޭޝަން އޮފީސް، އޮފްކޮމް އިން ބާތިލުކުރިކޮށްފައިވާތީ، އެ ޕްރޮގްރާމް ޖަރުމަނުގައި ނުދެއްކޭނެ ކަމަށެވެ. އަދި އެކަން ކޭބަލް ހިދުމަތް ދޭ ފަރާތްތަކުން އަންގަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ ބްރޯޑްކާސްޓިން އޮތޯރިޓީން ސީޖީޓީއެން އަށް ދޫކޮށްފައިވާ ހުއްދަ މިމަހުގެ ހަތަރު ވަނަ ދުވަހު ބާތިލު ކުރަން ނިންމީ ކުރިން ސީސީޓީވީގެ ގޮތުގައި ހިންގަމުން އައި ސީޖީޓީއެންއަކީ ޗައިނާގެ ވެރިކަން ކުރާ ޕާޓީ، ޗައިނީސް ކޮމިއުނިސްޓް ޕާޓީން ކޮންޓްރޯލްކުރާ ނޫސް ނެޓްވޯކެއް ކަމަށް ބުނެ އެވެ.
ޔޫރަޕުގެ ބައެއް ގައުމުތަކުގެ މެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްގައި ބުނެފައިވާ ގޮތުން، ޖަރުމަނުގައި ސީޖީޓީއެން ދެއްކުމުގެ ހުއްދަ އޮފްކޮމް އިން ދީފައިވަނީ ލައިސެންސް ހިއްސާކުރުމުގެ ޕްރޮގްރާމެއްގެ ދަށުންނެވެ.
ރޮއިޓާސްގައި ބުނެފައިވާ ގޮތުން، ވޮޑަފޯން ޖަރުމަނުން ވެސް މިހާރު ވަނީ އެ ކުންފުނީގެ ކޭބަލް ނެޓްވޯކުގެ ތެރެއިން ޖަރުމަނުގެ ބައެއް ސަރަހައްދުތަކަށް ސީޖީޓީއެން ފޯރުކޮށްދިނުން މިދިޔަ ހުކުރު ދުވަހު ހުއްޓާލައިފަ އެވެ.
އިނގިރޭސިވިލާތުގެ ބްރޯޑްކާސްޓިން ގާނޫނު ބުނާ ގޮތުން، އެގައުމުގެ ބްރޯޑްކާސްޓު ކުރުމުގެ ލައިސެންސް އޮންނަ އެއްވެސް ފަރާތަކުން ބްރޯޑްކާސްޓު ކުރާ ކޮންޓެންޓަށް އަމިއްލަ ކޮންޓްރޯލް އޮންނަންޖެހެ އެވެ. ނަމަވެސް އޮފްކޮމްގެ ތަހުގީގުގައި ބުނާ ގޮތުން، ސީޖީޓީއެން ހިންގާ ސްޓާ ޗައިނާ މީޑިއާ ލިމިޓެޑްގެ އަތުގައި އެ ޓީވީން ދައްކާ ކޮންޓެކްޓަކަށް އެޑިޓޯރިއަލް މަސްއޫލިއްޔަތެއް ނެތެވެ. އެހެންކަމުން އެ ކުންފުންޏަށް ލައިސެންސެއް ނުދެވޭނެ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ