ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު އަދި ޕްރެޒިޑެންޝަލް ސެކޭޓްރިއޭޓު އެންޑް ޕްރޮޓޮކޯލް ފާތުމަތު މުހައްމަދު ސޯލިހުގެ މާލީ ބަޔާނުގައި އޭނާގެ މިލްކިއްޔާތުގައި 20 މިލިއަން ރުފިޔާގެ ލިޔެވިފައިވަނީ އޮޅުމަކުން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މީގެ ކުރިން އާންމުކުރި މާލީ ބަޔާނުގައި ފާތުމަތު މުހައްމަދު ސޯލިހުގެ މިލްކިއްޔާތުގައި 20 މިލިއަން ރުފިޔާ ހުރިކަމަށް ލިޔެފައިވެއެވެ. ނަމަވެސް ރައީސް އޮފީހުން ވަނީ ފަހުން އެ މާލީ ބަޔާން ނަގައިފައެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ ފާތުމަތު މުހައްމަދު ސޯލިހުގެ މާލީ ބަޔާން ފޯމް އެންޓާ ކުރުމުގައި ދިމާވެފައިވާ އޮޅުމެއްގެ ސަބަބުން އެ ފޯމުގައި އާމްދަނީ އާއި މުދަލާއި ފައިސާ އަދި ލޯނުގެ ބައިގައި އޭނާގެ ފިރިކަލުން އިސްމާއިލް ފިރާގުގެ ބޭންކް އެކައުންޓުގައި ހުރި ހަތް ލައްކަ ރުފިޔާ އާއި އިމާރާތުގެ އަގުގެ ގޮތުގައި 20 މިލިއަން ރުފިޔާ ހިމެނިފައިވާ ކަމަށެވެ.

އެހެންކަމުން ރައީސް އޮފީހުގެ ވެބްސައިޓުގައި ފާތުމަތު މުހައްމަދު ސޯލިހުގެ މާލީ ބަޔާން އަލުން އަޕްލޯޑް ކޮށްފައިވަނީ އެކަންކަން އިސްލާހު ކުރުމަށްފަހު ކަމަށްވެސް އެ އޮފީހުން ބުންޏެވެ.

ފާތުމަތު މުހައްމަދު ސޯލިހު ވަނީ ރައީސް އޮފީހުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވައިފައެވެ. އެގޮތުން އޭނާ ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސެކްރެޓަރީކަން ދިގު މުއްދަތަކަށް ކުރައްވައިފައެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި އެމަނިކުފާނުގެ ސެކްރެޓަރީކަން ވެސް ވަނީ ކުރައްވައިފައެވެ.