ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މަޝްހޫރު ރެޕު އާޓިސްޓު އިސްމާއިލް އިފްހާމް (ޕެސްޓް) ހައްޔަރުކޮށްފި އެވެ.

ވަކި މީހެއްގެ ނަން ހާމަނުކޮށް ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ވަން" އަށް ވިދާޅުވީ ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި 2.5 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އެ މީހުން ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ގެންދާނެ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް "ވަން" އަށް އެނގިފައިވާ ގޮތުގައި، ހައްޔަރުކުރި މީހުންގެ ތެރޭގައި ޕެސްޓު ހިމެނެ އެވެ.

"ރީތި ކުދިން ފެނި" ލަވައިން މަޝްހޫރުކަން ހޯދި ޕެސްޓަކީ ރާއްޖޭގައި މިހާތަނަށް ހުރި އެންމެ މޮޅު އެއް ރެޕް އާޓިސްޓު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ލަވަކިޔުންތެރިއެކެވެ.