މާލޭގައި އެންމެ ފަހުން ހުޅުވި އިއްޒުއްދީން ސްކޫލްގެ ގިނަ އަދަދެއްގެ ލީޑިން ޓީޗަރުންތަކެއް އެއްފަހަރާ އިސްތިއުފާ ދީފި އެވެ.

އިއްޒުއްދީން ސްކޫލްގެ ލީޑިން ޓިޗަރުން އިސްތިއުފާ ދިން ސަބަބެއް މިހާތަނަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް އަދި އެ ސްކޫލުންވެސް އާންމުކޮށްފައެއް ނުވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އަށް "ވަން" އިން މިއަދު ގުޅުމުން މިކަން ދޮގުކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެކަމުގެ މައުލޫމާތު ހޯދުމަށް އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް އަށް ގުޅުމަށެވެ. އެކަމަކު ޕްރިންސިޕަލަށް ގުޅުމުން ފޯނަށް ޖަވާބު ދީފައިނުވާތީ އެ ސްކޫލުން މިހާ ގިނަ ލީޑިން ޓީޗަރުންތައް އެއްފަހަރާ އިސްތިއުފާ ދިން ސަބަބު އަދި ވަނީ އެނގޭ ގޮތް ނުވެފަ އެވެ. ޕްރިންސިޕަލަށް މެސެޖު ކުރުމުން ވެސް ޖަވާބުދެއްވާފައެއް ނުވެއެވެ.

ޓިޗަރުން ތަކެއް އިސްތިއުފާ ދިން ކަމަށްބުނެ ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އާ ވާހަކަ ދެއްކި، މައުލޫމާތު އެނގޭ މީހަކު ބުނީ ގްރޭޑް އެކަކުން ފެށިގެން ހަޔަކާއި ހަމަޔަށް ކިޔަވައިދޭ ގްރޭޑްތަކުގެ ލީޑީން ޓީޗަރުންތަކެއް އެއްފަހަރާ އިސްތިއުފާ ދީފައިވާ ކަމަށެވެ. އަދި އެ ގްރޭޑްތަކުގައި މިހާރު ހުރީ އެންމެ ލީޑިން ޓީޗަރެއްކަމަށެވެ. އިސްތިއުފާ ދިނީ ކިތައް ޓިޗަރުން ކަމާއި އިސްތިއުފާ ދިން ސަބަބު އަދި ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

ލީޑިން ޓީޗަރުންނަކީ ޕްރިންސިޕަލްގެ ދަށުން ކްލާސްރޫމްތަކާއި ސްކޫލްގެ އެންމެހާ ކަންކަން ބަލަން ތިބޭ މީހުންނެވެ.