އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް، މާދަމާ ކުރިމަނަލް ކޯޓުގައި ބާއްވަން ހަމަޖެހިފައިވާއިރު، އެ ދައުވާއިން ރައީސް ޔާމީން ދިފާއު ވެވަޑައިގަންނަވުމަށް ބޭނުންވާ މުހިއްމު ބައެއް ލިޔެކިޔުންތައް ދީފައި ނުވާ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެކަމާބެހޭ ގޮތުން މައުލޫމާތު ދިނުމަށް، ރައީސް ޔާމީންގެ ގާނޫނީ ވަކީުންގެ ޓީމުން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، ޑރ. ޖަމީލު ވިދާޅުވީ، އެ ލިޔެކިޔުންތައް ނުލިބުމާއި، ބައެއް ކަންތައްތައް ހަމަޖައްސާފައިވާގޮތުން، ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ނުލިބުމުގެ ކަންބޮޑުވުންތައް އެބަހުރިކަމަށެވެ.
އޭގެން އެއް ސަބަބު ހާމަ ކުރައްވައި ޑރ. ޖަމީލު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާއިން ރައީސް ޔާމީން ބަރީއަވާނެ ލިޔެކިޔުންތައްް ދައުލަތުން ހިފަހައްޓާފައިވާ ކަމަށެވެ.
ޑރ. ޖަމީލު ވިދާޅުވީ، ދައުވާ ރައްދުވާ ފަރާތުގެ ދިފާއަށް ފައިދާއަކަށްވާ ކޮންމެ ލިޔުމެއް ދޭން ޖެހޭނެ ކަމަށް ޖިނާއި އިޖުރާއަތުގެ ގާނޫނުގައި، މުތުލަގަށް ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ލިޔުންތައް ދައުލަތުން ހިފަހައްޓާފައިވާތީ، ޝަރީއަތް މެދުވެރިކޮށް އެތަކެތި ހޯދުމަށް އެދުމުން، މައުލުމާތު ހޯދުމަށް އޮންނަ އުސޫލުން އެތަކެތި ހޯދުމަށް ކޯޓުން އަންގާފައިވާއިރު، އެއީ ޝަރީއަތުގެ ތެރެއިން ލިބެން ޖެހޭ ތަކެތިކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.
މީގެ ކުރިން ބޭއްވި ދެ އަޑުއެހުމުގައިވެސް، ރައީސް ޔާމީންގެ ދިފާއީ ވަކީލުން އެ ލިޔުންތައް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް ގާޒީގެ ކިބައިން ތަކުރާރުކޮށް އެދިވަޑައިގެންނެވިއެވެ. އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، މިހާރު ލިބިފައި ހުރި ލިޔުންތަކުން ދިފާއު ހުށަހެޅޭވަރުވާނެ ކަމަށާއި، ޝަރީއަތް ކުރިއަށްދާ ވަރަކުން، އެ މަރުހަލާއަކަށް ބޭނުންވާ ތަކެތި ލިބިގެންދާނެ ކަމަށެވެ. އަދި ލިބިފައި ނުވާ ލިޔެކިޔުންތައް މައުލޫމާތު ހޯދައި ލިބިގަތުމަށް އޮންނަ އުސޫލުގެ ތެރެއިން ހޯދުމަށްވެސް ވިދާޅުވިއެވެ.
މާދަމާގެ ޝަރީއަތުގެ މަޖިލީހުގައި އޮންނާނީ ދެ ފަރާތުން ހެކި ހުށަހެޅުމެވެ. ޖަމީލު ވިދާޅުވީ ދިފާއަށް ލިބެންވާ ލިޔެކިޔުންތަކަކީ މި މަރުހަލާއަށްވުރެ ކުރިން ލިބެން ޖެހޭ އެއްޗެހި ކަމަށާއި އެތަކެތި ނުލިބި ދިފާއުވުމަށް ހެކި ހުށަހަޅަން މި ޖެހެނީ ވަރަށް ކްރިޓިކަލް ވަގުތެއްގައި ކަމަށެވެ.
މިއަދުގެ ނިއުސް ކޮންފަރެންސްގައި، ރައީސް ޔާމީނަށް އިންސާފު ނުލިބޭނެ ދެވަނަ ކަމެއްގެ ގޮތުގައި ޑރ. ޖަމީލު ފާހަގަ ކުރެއްވީ ކޮވިޑް 19 ފެތުރެމުންދާ މައްސަލައިގައި އިންތިހާއަށް ކަނބޮޑުވުން އުފެދި، ދައުލަތުގެ ހުރިހާ މުއައްސަސާއެއް އެކަމާބެހޭ ކަންކަމުގައި އަވަދިނެތި އުޅޭ މި ދަނޑިވަޅުގައިވެސް މަޑު ނުޖެހި އަވަސް އަރުވާލައިގެން ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށްގެންދަން އުޅޭ މައްސަލައެވެ.
ޖަމީލު ވިދާޅުވީ ރައީސް ޔާމީން ޝަރީއަތަށް ގެނެސް ގެންދިއުމުގައި ބަލަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިނަމަވެސް އެކަންތައްތަކަށް ބަލަމުން ނުދާ ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ އުމުރުފުޅަށް ބަލާއިރުވެސް ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަަށްވެސް ވިދާޅުވިއެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވައި ޖަމީލު ވިދާޅުވީ، ޕީޖީ ހުސެއިން ޝަމީމުގެ އަމަލުތައް ހުންނަނީ ވަކި ބަޔަކަށް ބަދަލު ހިފުމުގެ ގޮތްތައް ގެންގުޅުމަށް ކަމަށެވެ.
މާދަމާ ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާއިރު، ދިފާއަށް ބޭނުންވާ ލިޔުންތައް ނުދިން މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފު ވެސް ކޮށްފައެވެ. އެ މައްސަލަ ފުރަތަމަ އިސްތިއުނާފަށް ހުށަހެޅުމުން ހައިކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބޭރު ކޮށްލެއްވިއެވެ. އެހެންކަމުން މިހާރު އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައި ވަނީ ފަނޑިޔާރުންގެ މަޖިލީހުން ގޮތެއް ކަނޑައެޅުމަށެވެ.
ރައީސް ޔާމީންގެ ވަކީލުން މިއަދު ވިދާޅުވީ، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު އެ ކަމަށް ހައިކޯޓުން ގޮތެއް ނިންމަންދެން މައްސަލައިގެން އަޑުއެހުން ނުބޭއްވޭނެ ކަމަށެވެ.
ޑރ. މުހައްމަދު ޖަމީލް އަހްމަދު
ޑރ. މުހައްމަދު ޖަމީލް އަހްމަދު
ޑރ. މުހައްމަދު ޖަމީލް އަހްމަދު
ޑރ. މުހައްމަދު ޖަމީލް އަހްމަދު