ރާއްޖޭގައި ރިސޯޓުތައް ހިންގާ ސޮނޭވާ ގްރޫޕާއި ވެލާ ޕްރައިވެޓް އައިލެންޑު ގުޅިގެން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރި ކޮވިޑު ލެބުގެ ޖާގަ ބޮޑުކޮށް، އަލުން ހުޅުވައިފި އެވެ.
ސޮނޭވާ އިން ނެރުނު ބަޔާނެއްގައި ބުނީ، ލެބުގެ ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމަށްފަހު އަލުން ހުޅުވާފައިވާއިރު ދިވެހިންނަށް ހާއްސަކޮށްގެން ކޮންމެ ދުވަހަކު 100 ސާމްޕަލް ހިލޭ ހަދައިދޭނެ ކަމަށެވެ. އަދި ކުރިން 55 ޑޮލަރަށް ހަދައިދިން ޕީސީއާރު ޓެސްޓެއްގެ އަގު 40 ޑޮލަރަށް ހެޔޮ ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. އެ ލެބުން ފުރަތަމަ ކޮވިޑު ޓެސްޓެއް ހަދައިދިނީ 100 އެމެރިކާ ޑޮލަރަށެވެ.
ސޮނޭވާ އިން ބުނީ މާފަރު ލެބުގެ އެންމެ ބޮޑު އެއް މަގުސަދަކީ ދިވެހިންނަށް ވެސް ހިދުމަތް ދިނުން ކަމަށާއި އެގޮތުން ބ އަތޮޅާއި ރ އަތޮޅު އަދި ޅ. އަތޮޅުގެ ރިސޯޓުތަކުގެ އިތުރުން ރަށްރަށަށް ވެސް އެ ލެބުން ޕީސީއާރު ޓެސްޓު ހަދައިދީފައިވާ ކަމަށް ބުންޏެވެ. އަދި މިހާތަނަށް އެ ލެބުން އެއްވެސް ފައިދާއެއް ނުވި ނަމަވެސް، ލިބޭ ފައިދާ ބަހާނީ ސޮނޭވާ ފައުންޑޭޝަނާއި ވެލާ ރިސޯޓާ ދެމެދު ކަމަށް ވެސް ސޮނޭވާ އިން ބުންޏެވެ.
ސޮނޭވާ އިން އިތުރަށް ބުނީ ރިސޯޓުތަކުގެ މެޑިކަލް ފެސިލިޓީތަކުގައި މަސައްކަތް ކުރާ ނަރުހުންނަށް ކޮވިޑް ސާމްޕަލް ނަގައި ލެބަށް ފޯރުކޮށްދިނުމާ ގުޅޭ ތަމްރީނު ވެސް މާފަރު ލެބުން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު