މާލޭގައި ހިންގި ގްރޫޕު މާރާމާރީއެއްގައި މ. ސަރުމާގޭ އުމުރުން 14 އަހަރުގެ ފާތިހު މުހައްމަދު އަލީ މަރާލި މައްސަލައިގައި، 3 އަހަރުވަންދެން ފިލައިގެން އުޅެނިކޮށް ފެނުނު މ. ކުރިރުއްގޭ، އިރުފާން ރުޝްދީ ގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު ފަށަން ތާވަލު ކޮށްފިއެވެ.

މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ކުރިމިނަލް ކޯޓުގައި މިއަދު ތާވަލް ކޮށްފައި ވަނީ މެންދުރު 2:00 އަށެވެ.

ފާތިހު މަރާލާފައި ވަނީ، 2016 އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ 9:00 ހާއިރު ސަރުމާގޭގެ ތެރޭގައި ބަޔަކު އޭނާއަށް ވަޅިއަކުން ހަމަލާ ދިނުމުން ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް ހަމަ އެރޭގެ ވަގުތެއްގައެވެ.

މި މައްސަލައިގައި ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މިިހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އުފުލާފައިވާ އިރުފާން ފޭނުނީ އޭނާ ހޯދަމުން ދާތާ ތިން އަހަރު ފަހުން، 2019 ވަނަ އަހަރުގެ 26 އޮކްޓޯބަރުގެ ރޭ ގދ. ތިނަދޫއާ 15 މޭލު ބޭރުން ޕެޓްރޯލް ހުސްވެގެން ހުއްޓުނު "ބްލޫ ވޭވް" ނަމަކަށް ކިޔާ ލޯންޗަކުންނެވެ.

އެރޭ ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.

އޭގެ ކުރިން އިރުފާން ހޯދުމަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ މަރު ކޮމިޝަނުންވެސް އިއުލާން ކުރިއެވެ.

ނަމަވެސް އެއަށްފަހު އިމިގްރޭޝަނުން ދިން މައުލޫމާތެއްގެ އަލީގައި އެ ކޮމިޝަނުން ބުނެފައިވަނީ، 2015 ވަނަ އަހަރު އޭނާ ރާއްޖޭން ބޭރަށް ދިޔަ ގޮތަށް ރާއްޖެ ނާންނަ ކަމަށެވެ.

އޭރު މަރު ކޮމިޝަންގެ އެންގުމަށް ފުލުހުން އޭނާ ހޯދަން އިއުލާނުކުރީ ވެސް ފާތިހުގެ މަރުގެ މައްސަލައިގައި ސީސީ ޓީވީ ފުޓޭޖުން އޭނާ ފެންނަން ހުރުމުންނެވެ.