މާލޭގައި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަން ނިންމައިފިއެވެ.

ކުރިމިނަލް ކޯޓުގައި އެމީހުންގެ މައްޗަށް ކުރާ ޝަރީއަތުގެ އަޑުއެހުން މަދަމާއަށް ތާވަލުކޮށްފައިވަނީ، ހެނދުނު 9:30 އަށެވެ.

ދެހާސް ސަތާރަވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މާލޭގައި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ، ގދ. މަޑަވެލި، ގަމަރީ، އިއުތިސާމް މުހައްމަދު ސައީދުގެ އިތުރުން ހދ. ނައިވާދޫ، ރިވެލި، ޝިމާން ޝަރީފާއި ހއ. ހޯރަފުށި، ވިދުވަރު، ނާސިއު މުހައްމަދު އާއި ހަމަ އެރަށު އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ.

މި މައްސަަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައިވަނީވެސް 2017 ވަނަ އަހަރުއެވެ. އެ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ބޭއްވި އެ އަޑުއެހުން ކުރިއަށްގެންދިޔައީ ސިއްރުކޮށްގެންނެވެ.