އައްޑޫ ސިޓީ ހިތަދޫ ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 32 އަށް އަރައިފިއެވެ.
ހިތަދޫން ފުރަތަމަ ބަޔަކު ޕޮޒިޓިވްވީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އެއީ ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެމީހުންނެވެ.
ހެލްތު އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އައްޑޫ ސިޓީ ހިތަދޫ ކްލަސްޓާއިން އިތުރު އެކަކު އިއްޔެ ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 32 އަށް އަރާފައިވާ ކަމަށެވެ.
ހިތަދޫ ކްލަސްޓާއިން ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓުންގެ އަދަދު 338 އަށް އަރައެވެ. އޭގެ ތެރޭގައި ހައިރިސްކް 100 މީހުން ހިމެނޭ ކަމަށް އެޗްއީއޯސީން ބުންޏެވެ.
ހިތަދޫގައި ކޮވިޑް ފެތުރުނު ގޮތް ދެނެގަތުމަށް އެޗްޕީއޭގެ ހާއްސަ ޓީމެއް އިއްޔެ ވަނީ އައްޑޫއަށް ގޮސްފައެވެ. އޭގެ ތެރޭގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގުވެސް ހިމެނިވަޑައިގަންނަވައެވެ.
ހިތަދޫ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 32 އަށް އަރާފައިވާ އިރު، ހުޅުމީދޫގައި ބިދޭސީން މަސައްކަތްކުރާ ސައިޓަކުންވެސް ވަނީ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މުޅި އައްޑޫ ސިޓީއަށް އަރައިފޭބުން މަނާކޮށްފައިވާ އިރު، އައްޑޫގައި ރޭގަނޑު 8:00 އިން ފަތިހު 4:30 އަށް އަންނަނީ ކާފިއު ހިންގަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު