ޚަބަރު

އެއްފަަހަރާ 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފި

އަލީ އަފާފް ރަމީޒު

މާލެ ސަރަައްދުގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާދަމާ އިން ފެށިގެން ވަކިގޮތެއް އަންގަންދެން، މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުމަށް އަންގާ ކަމަށެވެ.

އެޗްޕީއޭ އިން ބުނީ މި ފިޔަވަޅު ތަންފީޒު ކުރުމުގައި، ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ ފުލުހުންނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށެވެ.

ދިހަ މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން މަނާކޮށްފައިވާއިރު، މިއަދު ވަނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެވެ. އަދި ކާފިއު ގަޑި އިތުރުކޮށް، ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވެސް މަނާކޮށްފައެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވީ މިއީ ކޮވިޑުގެ އެންމެ ނުރައްކާތެރި ރާޅު ކަމަށް ޔަގީން ކަމާއެކު ދަންނަވަން ކެރޭ ކަމަށާއި ގައުމުގެ ހާލަތު ވަރަށްވެސް ނާޒުކު ކަމަށެވެ. އެގޮތުން އެނދުމަތި ކުރެވޭ މީހުންގެ އަދަދު ބޮޑުތަނުން މަތިވެ، ހޮސްޕިޓަލްތައް ފުރި، އެޑްމިޓް ކުރާނެ އެނދުތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ވިދާޅުވި އެވެ.