ދުނިޔޭގެ އަރާމަށްވުރެ އާހިރަތަށް އެދިގެން އެދުވަހުގެ ބާއްޖަވެރިކަން ލިބުމަށް މަސައްކަތް ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.
"ތިމާކުޅައަމަލު ތިމާދެކޭ ދުވަސް" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އާހިރަތް ދުވަހަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެއް ކަމަށެވެ.
އަދި އެދުވަހަށް އީމާންވުމަކީ އެއީ ހަމަކަށަވަރުން އަންނާނެ ދުވަހެއް ކަމާއި ފުރަތަމަ ތާޅަފިއްޔާއެކު ﷲ އިރާދަކުރެއްވި ބަޔަކު ފިޔަވައި، ދުނިޔެ އާއި ދުނިޔޭގައި ވާހައި އެއްޗެއް ފަނާވެދާނޭކަމާއި ކަށްވަޅުގައި ދެމަލާއިކަތުން ސުވާލު ކުރައްވާނޭކަމާއި އެއަށްފަހު ފުރާނަ އަޅުއްވައި މަހްޝަރަށް ފޮނުއްވައި، ހެޔޮކަންތަކާއި ނުބައިކަންތައް މީޒާނުން ކިރުއްވާނޭކަމާއި އަދުލަށް ހިސާބު ބައްލަވައި ހައްގަށް ނިޔާކުރައްވައި، އަނިޔާވެރިންގެ ކިބައިން އަނިޔާ ލިބުނު މީހުންނަށް ހައްގުތައް ދެއްވުމާއި ސިރާތު މަގުން ދިއުމާއި ކިޔަމަންގަތް އަޅުންނަށް ސުވަރުގޭގެ ނިއުމަތްދެއްވައި ކިޔަމަން ނުގަތް އަޅުންނަށް ނަރަކައިގެ އަޒާބު ދެއްވޭނޭ ކަމާއި ނަރަކައާއި ސުވަރުގެއީ ފަނާވެ ދިއުމެއް ނުވާނޭ ދެތަން ކަމާއި އެދެތާނގައި ލެއްވުމަށްފަހު މަރުވުމެއް ނެތްކަމާއި މިކަންކަން ހިތުގައި ތެދުކޮށް ކަށަވަރުކޮށް ގަތުން ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، އާހިރަތް ދުވަހަކީ ވަރަށް ކައިރީގައިވާ ދުވަހެއް ކަމަށާއި ނަމަވެސް އެދުވަސް ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ ކަމަށެވެ. އަދި އެދުވަހަކީ މޮޅިވެރިކަމާއި ހިތާމައިން ފުރިގެންވާ ހާލު ހިތްތައް ކަރުތެރެއަށް އަރައިގެން އަންނަ ދުވަސް ކަމަށާއި އަދި އާހިރަތް ދުވަހާ މެދު ގިނަގިނައިން ވާހަކަ ދެއްކުމަކީ ކުރަންޖެހޭ ވާޖިބުކަމެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، ގިޔާމަތްދުވަހު ހިސާބު ބެއްލެވުމާއި ނިޔާ ކަނޑައެޅުއްވުމުގައި އެއްވެސް ބޭއިންސާފު ކުރެއްވުމެއް ނުވާނެ ކަމަށާއި އެދުވަހަކީ އަދުލަށް ހިސާބު ބައްލަވައި، ހައްގަށް ނިޔާކަނޑައަޅުއްވާ ދުވަސް ކަމަށެވެ. އަދި ކޮންމެ އިންސާނަކުމެ އޭނާކުރާ އަމަލުތައް ކީރިތިވަންތަ ﷲ މޮޅަށް ދެނެވޮޑިގެންވާ ކަމަށާއި އެ އަމަލުތައް ލިޔެފައިވާ ފަތް އެދުވަހުން އެ އިންސާނާ ދެކޭނެ ކަމަށް ހުތުބާގައި ބުންޏެވެ.
އަދި ކިތަންމެކުޑާ އަމަލެއްވެސް އަދި ކިތަންމެ ބޮޑު އަމަލެއް ވެސް އަދި މީސްތަކުންނަށް ކިތަންމެ ވަންހަނާގޮތެއްގައި ކޮށްފައިވާ އަމަލަކަށް ވިޔަސް އެމީހެއްގެ އަމަލުނާމާގައި ލިޔެފައިވާތީ އެދުވަހު އޭނާ ދެކޭނެ ކަމަށް ބުންޏެވެ.
އެގޮތުން ގިޔާމަތް ދުވަހު އެމީހެއްގެ އަމަލުނާމާ އެމީހެއްގެ ކަނާތަށް ލިބިއްޖެ މީހަކީ ބާއްޖަވެރިއެއް ކަމަށާއި އުފަލުންހުރެ އޭނާގެ އަހުލުވެރީންގެ ގާތަށް އެމީހަކު ސުވަރުގެއަށް ދާނެ ކަމަށާއި ނަމަވެސް އެމީހެއްގެ އަމަލުނާމާ އެމީހެއްގެ ވައަތަށޤ ލިބިއްޖެ މީހަކީ އަބާއްޖަވެރިއެއް ކަމަށާއި އޭނާ ވަންނާނީ އަނދަ އަނދާ ހުންނަ ނަރަކައަށް ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، ﷲގެ ރަހުމަތްވަންތަކަމުން އިންސާނާއަށް ސުވަރުގެ ވަދެވޭނެ ވަސީލަތަކީ އޭނާ ކޮށްފައިވާ ހެޔޮއަމަލު ކަމުގައިވާ ހިނގު ތިމާގެ އަމިއްލަ ނަފުސަށް ހެޔޮ އެދޭމީހާ، ހެޔޮއަމަލު ކުރުމުގައި ފަސްނުޖެހޭނެ ކަމަށެވެ. އަދި ބުއްދިވެރިއަކީ ހެޔޮއަމަލު ކުރުމުގައި ކުރިއަރައިދާ މީހާ ކަމަށާއި ހެޔޮ އަމަލަކީ ﷲގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުމާއި އެކަލާނގެ މަނާކުރެއްވި އެންމެހައި ކަންތަކުން ދުރުވެ ރައްކާޓެރިވުން ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު