ޚަބަރު

އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލައިގައި އިންސާފަށް ލޯބިކުރާ އެންމެ ކަންބޮޑުވާންޖެހޭ: މައުމޫން

އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލައިގައި ކަންބޮޑުވާން ޖެހެނީ ހަމައެކަނި އަންހެނުން އެކަނި ނޫން ކަމަށާއި އެކަމާ އިންސާފަށް ލޯބިކުރާ އެންމެން ކަންބޮޑުވާންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވެފައި މިވަނީ ޖިންސީ އަނިޔާ ދިނުމުގެ ސީރިއަސް ތުހުމަތުތަކެއްކޮށް، ދައުވާ އުފުލައި، ޝަރީއަތް ފަށާފައިވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު "ފުރުވާލި" މައްސަލައާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންހެނުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލައިގައި ކަންބޮޑުވާން ޖެހެނީ ހަމައެކަނި އަންހެނުން އެކަނި ނޫން ކަމަށާއި އެފަދަ ނުބައި އަމަލުތަކާމެދު އިސްލާމް ދީނުގެ މާތް އުސޫލުތަކަށާއި އިންސާނީ ހައްގުތަކަށާއި އިންސާފަށް ލޯބިކުރާ އެންމެހާ ފަރާތްތައް ކަންބޮޑުވާންޖެހޭ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ތުހުމަތުތަކެއް ކުރުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާއަށް ފުރުން މަނާކޮށް ޕާސްޕޯޓް އޮތީ ހިފަހައްޓައިފައެވެ.

ނަމަވެސް ކޯޓުގައި އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއަށް ބޭރަށް ފުރާވަޑައިގަތުމަށް ހުއްދައަށް އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކޮށްފައެވެ. ޕާސްޕޯޓު ދޫކޮށްލުމުން އަލީ ވަހީދު ފުރާވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހުއެވެ.

އެ މައްސަލަ ބަލައިދިނުމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވަނީ މިއަދު މަޖިލީހަށް ހުށަހަޅުއްވައިފައެވެ.

އެ މައްސަލައިގައި ޕީޖީ އޮފީހުން މިއަދު ބުނީ ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކުރަން ނިންމީ ރަނގަޅަށް ކަމަށް ނުދެކޭ ކަމަށާއި އެ ނިންމުން އިސްތިއުނާފު ކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން އަލީ ވަހީދު ފުރައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ކޯޓު އަމުރުގައި އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު އެނބުރި އައިސްފައިނުވާނަމަ، އޭނާގެ މައްޗަށާއި އޭނާ ޖާމިނުކޮށްފައިވާ މީހާގެ މައްޗަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް އެކަމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން އެ އޮފީހުން ކުރަމުން ގެންދާނެ ކަމަށެވެ. އަދި އަލީ ވަހީދަށް ޖާމިނުވީ އޭނާގެ ގާތް އެކުވެރިޔާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ކަމަށް ވެސް ބުނެފައިވެއެވެ.