ޖިންސީ އަނިޔާ ދިނުމުގެ ސީރިއަސް ތުހުމަތުތަކެއްކޮށް، ދައުވާ އުފުލާފައިވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރުވާލި މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރުން މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އަލީ ވަހީދުގެ މައްޗަށް މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ތުހުމަތުތަކެއް ކުރުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާއަށް ފުރުން މަނާކޮށް ޕާސްޕޯޓް އޮތީ ހިފަހައްޓައިފައެވެ.

ނަމަވެސް ކޯޓުގައި އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއަށް ބޭރަށް ފުރާވަޑައިގަތުމަށް ހުއްދައަށް އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކޮށްފައެވެ. ޕާސްޕޯޓު ދޫކޮށްލުމުން އަލީ ވަހީދު ފުރާވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހުއެވެ.

އެ މައްސަލަ ބަލައިދިނުމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވައިފައެވެ.

އެ ސިޓީގައި ވަނީ އަލީ ވަހީދު ފުރުން މަނާކުރުމުގެ އަމުރު ބާތިލުކުރުމަށް ކޯޓުން ނިންމި އަޑުއެހުމުގައި ޖިންސީ ކުށުގެ ގިނަ ސީރިއަސް ދައުވާތަކެއް އުފުލާފައިވާ ފަރާތެއް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އިއުތިރާޒްކޮށްފައިނުވާކަމާއި، ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ކަށަވަރުކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުކޮށް އޭނާގެ ވާހަކަތައް އަޑުއަހާފައިވާކަމަށް ބަޔާންކޮށްފައިވާތީ، އެ މައްސަލައިގައި ޕީޖީން އަމަލުކޮށްފައިވާ ގޮތާއި މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްސަލަ ބަލައިދިނުމަށް އެދޭ ކަމަށެވެ.

"ޖިންސީ އަނިޔާ ދިނުމުގެ މިފަދަ ބޮޑެތި ސީރިއަސް ތުހުމަތުތަކެއް ކޮށް، ތަހުގީގުކުރެވި، ދައުވާ އުފުލާފައިވާ މައްސަލައެއްގައި، ދައުވާ އުފުލާފައިވާ ފަރާތަށް ރާއްޖެއިން ބޭރަށް ފުރައިގެން ދެވިފައިވުމަކީ އަޅުގަނޑުމެންގެ ކަންބޮޑުވުމެކެވެ. އަދި، އަޅުގަނޑުމެންގެ ނަޒަރުގައި މިއީ މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތްތަކަށް ތަހައްމަލުކުރަން ޖެހުނު އިތުރު އަނިޔާއެކެވެ. އެހެންކަމުން، މި މައްސަލައިގައި ދައުވާ ލިބޭ ފަރާތް ކޯޓަށް ހާޒިރުކޮށް، ޝަރީއަތްތައް ފެށުމުގެ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އަޅުއްވަން ނިންމާފައިވާ ފިޔަވަޅުތަކަކީ ކޮބައިކަންވެސް ސާފުކޮށްދެއްވުމަށް އެދެމެވެ..،" މެންބަރުން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

އެ ސިޓީގައި ވަނީ މިޒާތުގެ މައްސަލަތައް ތަކުރާރުވިޔަ ނުދިމަށްޓަކައި، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ދެނެގަނެ، އެ ބަދަލުތައް ތަންފީޒުކުރުމަށްޓަކައި އެޅުއްވެން ހުރި ފިޔަވަޅުތައް އަޅުއްވައިދެއްވުމަށްވެސް އެދޭ ކަމަށެވެ.

އެ މައްސަލައިގައި ޕީޖީ އޮފީހުން މިއަދު ބުނީ ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކުރަން ނިންމީ ރަނގަޅަށް ކަމަށް ނުދެކޭ ކަމަށާއި އެ ނިންމުން އިސްތިއުނާފު ކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން އަލީ ވަހީދު ފުރައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ކޯޓު އަމުރުގައި އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު އެނބުރި އައިސްފައިނުވާނަމަ، އޭނާގެ މައްޗަށާއި އޭނާ ޖާމިނުކޮށްފައިވާ މީހާގެ މައްޗަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް އެކަމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން އެ އޮފީހުން ކުރަމުން ގެންދާނެ ކަމަށެވެ. އަދި އަލީ ވަހީދަށް ޖާމިނުވީ އޭނާގެ ގާތް އެކުވެރިޔާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ކަމަށް ވެސް ބުނެފައިވެއެވެ.