ޚަބަރު

ބޮޑު ހިޔާނާތާ ގުޅިގެން ނިހާނުގެ މައްޗަށް ކުރާ 6 ދައުވާގެ ޝަރީއަތް މިއަދު ފަށަނީ

އިބްރާހިމް ޒަކީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް އުފުލާފައިވާ ހަ ދައުވާގެ ޝަރީއަަތް މިއަދު ފަށަން ތާވަލު ކޮށްފިއެވެ.

ކުރިމިނަލް ކޯޓުގައި އެ ހަ ދައުވާ އެއްފަހަރާ ކުރިއަށް ގެންދަން ތާވަލުކޮށްފައިވަނީ މިއަދު 1:30 ހަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތާއި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކުށްތަކާ ގުޅިފައިވާ ފައިސާ ނިހާނަށް ލިބުނު މައްސަލަ ފުލުހުންނާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ތަހުގީގުކުރުމަށްފަހު ހުށަހެޅުމުން ނިހާންގެ މައްޗަށް ހަ ދައުވާއެއް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ނިހާން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރި އިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާތު ރިޝްވަތަށް އެދި، އަދި އަދީބު ދީފައިވާ ރިޝްވަތު ހިފައި ކުށް ކޮށްގެން ހޯދާފައިވަ ފައިސާ އަތުގައި ބަހައްޓައި އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ނަމަވެސް ނިހާނަށް ލިބިފައިވާ އެފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މި މައްސަލަތަކުގައި ނިހާންގެ މައްޗަށް ދައުލަތުން އުފުލަނީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. އަދި މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ޕީޖީ އޮފީހުން ބުނީ ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާ އާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސް އިން ފްލެޓެއް ގަނެފައިވާ ކަމަށެވެ.

އޭގެ އިތުރުން 2014 ވަނަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑުގެ ގަޑިއެއް ދިނުމަށް އަދީބު ގާތުގައި އެދުމުން، މ. ވިލާދަށުގެ/ މުހައްމަދު މަނިކު ((އެއްލައިދޫ މަނިކު) މެދުވެރިކޮށް އަދީބު ދިން ގަޑި ބަލައިގަނެފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އެ އޮފީހުން ބުނީ، ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރިއިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާ ކުރި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދިފައިވާ ކަމަށާއި އަދި އެ ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާ ކަމަށެވެ.