ފުވައްމުލަކު ސިޓީން އިތުރު ހަތަރު މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ފުވައްމުލަކުގައި މިދިޔަ އާދިއްތަ ދުވަހު ނެގި 150 ރެންޑަމް ސާމްޕަލްގެ ތެރެއިން ދެ ސާމްޕަލެއް ޕޮޒިޓިވްވުމާ ގުޅިގެން އެ ސިޓީ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި އެރަށުގައި ވަނީ ފިޔަވަޅުތައްވެސް ހަރުކަށިކޮށްފައެވެ.
ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު "ވަން" އަށް މިރޭ ވިދާޅުވީ އެސިޓީން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ހަތަރު މީހަކު މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ފަހަކަށް އަރައިފައެވެ.
ސައީދު ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުން ޕޮޒިޓިވްވި ދެ މީހުންގެ ތެރެއިން އެކަކުގެ ޓެސްޓުގައި މައްސަލަ އުޅޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާތީ އޭނާގެ ޓެސްޓް އަލުން ހެދުމުން، ކޮވިޑަށް ނެގެޓިވްވެފައިވާ ކަމަށެވެ.
ސައީދު ވިދާޅުވީ އިއްޔެ ޕޮޒިޓިވްވި މީހާއަކީ މިދިޔަ މަހު ދުބާއީ އިން އައިސް އެ ސިޓީގައި ކަރަންޓީނުގައި ހުއްޓައި ކޮވިޑަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓެއް ކަމަށެވެ. އަދި މިއަދު ޕޮޒިޓިވްވީ އިއްޔެ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ދުބާއީ އިން އައިސް މި ސިޓީގައި ކަރަންޓީންގައި ހުއްޓައި ޕޮޒިޓިވްވި މީހާއާ އިއްޔެ ޕޮޒިޓިވްވި މީހާ ކޮންޓެކްޓްވެފައިވާކަން. އެހެންކަމުން މި ބަލަނީ އިއްޔެ ޕޮޒިޓިވްވި މީހާއަކީ ޕޭޝަންޓް ޒީރޯ ކަމަށް. މިއަދު ޕޮޒިޓިވްވި އެންމެންނަކީވެސް އިއްޔެ ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުން. އެހެންކަމުން ދުބާއީ ކްލަސްޓާއިން ފަސް މީހަކު މިވަނީ ޕޮޒިޓިވްވެފަ،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މި ކޭސްތަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރެވެމުން އަންނަ ކަމަށެވެ. އަދި އެ ސިޓީން މިއަދުވެސް 40 ސާމްޕަލް ނަގާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު