ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަންމާފުޅަށް ކޮވިޑް ޖެހިގެން ފަރުވާ ދޭން ފަށައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް ޔާމީންގެ މަންމާފުޅު، ފާތުމަތު ހަސަނަށް ކޮވިޑް ޖެހި ލަންކާ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމަނާއަށް ކޮވިޑް ޖެހުނު ތާރީހެއް އަބްދުއްރަހީމް ވިދާޅެއް ނުވެއެވެ.

ޔާމީންގެ މަންމާފުޅު ދިރިއުޅުއްވަނީ ދަރިކަނބަލުން މުސްލިމާ އަބްދުލް ގައްޔޫމްގެ އަރިހުގައި އަވަށްޓެރި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައެވެ. އެކަމަނާގެ އުމުރުފުޅަކީ 83 އަހަރެވެ.

ރައީސް ޔާމީންގެ މަންމާފުޅުގެ އާލަސްކާންފުޅު ބޮޑުވެ އެކަމަނާ މީގެ ކުރިންވެސް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ. ރައީސް ޔާމީންގެ މަންމާފުޅުގެ ތިއްބަވަނީ ރައީސް ޔާމީނާއެކު ހަ ބޭފުޅުންނެވެ. އެއީ ފަސް ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅެކެވެ.