ސަރުކާރުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހައި ޕާފޯމަންސް ފުޓުބޯޅަ ސްކޫލްގެ އިސްކޮށް ހުންނާނެ ފަރާތަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ލެޖެންޑެއް ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން ވަނީ އިއްޔެ ބުނެފައެވެ.
އިމާރާތުގެ މަސައްކަތް މިހާރު އެއްކޮށް ކަހަލަ ގޮތަކަށް ނިމިފައިވާ އިރު، ބާކީ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށް އެފްއޭއެމްއިން ވަނީ ބުނެފައެވެ. މިވަގުތު އެ ސްކޫލްގެ ބޭނުން ކުރަމުން އަންނަނީ ކޮވިޑް-19ގެ ބޭނުންތަކަށެވެ.
އެފްއޭއެމުން ރޭ އިއުލާނުކުރި ފުޓްބޯޅަ ސްކޫލުގެ ޕްލޭނުގައިވާ ގޮތުން އެ ސްކޫލުގައި 10 އާއި 15 އާ ދެމެދުގެ އަދަދަކަށް ބިދޭސީ ކޯޗުން ތިބޭނެއެވެ. އަންނަ މަހަށް ނިންމާލަން އަމާޒު ހިފާފައިވާ ސްކޫލުގައި 12 އަހަރާއި 15 އަހަރާ ދެމެދުގެ 40 ކުޅުންތެރިން ތަމްރީނު ފުރިހަމަކުރާނެއެވެ. ހައި ޕާފޯމަންސް ސެންޓަރެއްގެ ގޮތުގައި ފުޓްބޯޅަ ސްކޫލް ހިންގާ އިރު، އެތަނަށް ހޮވޭ ކުދިން ނަގަން 18 އެކެޑަމީއެއް ހުޅުވާނެ ކަމަށް އެފްއޭއެމްއިން ބުނެފައިވެއެވެ. މީގެ ތެރެއިން މާލެ ސަރަހައްދުގައި އަށް އެކެޑަމީ، އަތޮޅު ތެރޭގައި 10 އެކެޑަމީ އަދި އައްޑޫގައި ދެ އެކެޑަމީ ހުޅުވާނެއެވެ. އެ އެކެޑަމީތަކުގައި ތަމްރީނުކުރާނީ 6 އަހަރާއި 10 އަހަރާ ދެމެދުގެ ކުޅުންތެރިންނެވެ.
ފުޓްބޯޅަ ސްކޫލުގައި ކިޔަވައިދޭނެ ހާއްސަ ކަރިކިއުލަމެއް ހެދުމުގެ މަޝްވަރާތައް މިދިޔަ ނޮވެމްބަރު މަހު އެފްއޭއެމާއި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފަށައިފައެވެ. ހައި ޕާފޯމަންސް ސެންޓަރުގެ ކުޅުން އޮންނާނީ ހެނދުނާއި ހަވީރެވެ. ކިޔެވުން މެންދުރަށް ތާވަލުކޮށްފައިވާ އިރު، ދީނީ ކަންކަން އުނގަންނައިދިނުމާއި ގައުމީ ލޯބި އަށަގަނުވާން އެކި ކަންކަން ކުރިއަށްގެންދަން ވަނީ ރާވައިފައެވެ. އެފްއޭއެމްގެ ފުޓްބޯޅަ ސްކޫލްގެ އެންމެ ބޮޑު ބޭނުމަކީ ހަރުދަނާ ޒުވާނުންތަކެއް ބިނާކުރުމެވެ.
އެ ސްކޫލުގެ އިސް މީހެއްގެ ގޮތުގައި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެ، ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ މިޝޭލް ސަލްގާޑޯ ހުންނާނެ ކަމަށް ބެލެވިފައި ވަނީ މިދިޔަ އަހަރު ސެޕްޓެންބަރު މަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) އޭނާއާ ބައްދަލުކޮށް، ބައްސާމް ކުރައްވާފައިވާ ޓުވީޓެއްގެ ސަބަބުންނެވެ.
ސަލްގާޑޯއާއެކު ނަގާފައިވާ ފޮޓޯއާއެކު ބައްސާމް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ވަރަށް އުފާވެރި ހަބަރެއް ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.
ސަލްގާޑޯ ފާހަގަކުރެވެނީ ރާއްޖޭގެ ފުޓުބޯޅައާ ވަރަށް ގާތުން މަސައްކަތްކުރާ ލެޖެންޑެއްގެ ގޮތުގައެވެ. މީގެ ކުރިންވެސް ރާއްޖެ އައިސް، ރާއްޖޭގެ ފުޓުބޯޅައަށް ސަލްގާޑޯ ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، ޑުބާއީގައި އޮތް މުބާރާތަކުންވެސް ރާއްޖޭގެ ޓީމަށް ފުރުސަތު ހޯދައިދީފައިވެއެވެ. ޑުބާއީގައި ސަލްގާޑޯ ވަނީ ޒުވާން ކުޅުންތެރިން އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް